21 Apr 2014, 12:50
ދެ ބަސްތާ ފޯއް ވަގަށް ނެގި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ޅ. ނައިފަރު ކޯޓުން ހުކުމްކޮށްފި އެވެ.
ތިން އަހަރަށް ޖަލަށް ލުމަށްލުމަށް ޅ. ނައިފަރު މެޖިސްޓްރޭޓްކޯޓުން ކުރީ އެ ރަށު ބެރެބެދިމާގޭ އުމުރުން 26 އަހަރުގެ ހާމިދު މޫސާގެ މައްޗަށެވެ. އޭނާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބެރެބެދިމާގޭ ގުދަނެއްގައި ހުރި ފަސްކިލޯގެ ދެބަސްތާ ފޯއް ވަގަށް ނަގާފައި ވާތީ އެވެ.
ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ "އެ ކުށަށް ޙާމިދު މޫސާ އިންކާރު ކުރި ނަމަވެސް ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައިވާތީ، ޙާމިދު މޫސާގެ މައްޗަށް ދަޢުލަތުން ދައުވާކޮށްފައިވާ ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ދަޢުވާ ސާބިތުވެއްޖެ ކަމަށެވެ. އަދި ކުށުގެ އުގޫބާތެއްގެ ގޮތުން ތިން އަހަރުގެ މުއްދަތަށް ޖަލަށް ހުކުމްކޮށް ހުކުމް ކުރާ ކަމަށެވެ.
ފުލުހުން ބުނީ ޙާމިދު މޫސާގެ މައްޗަށް ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންވެސް ދަޢުލަތުން ދައުވާކޮށްފައިވާ ކަމަށެވެ. ނަމަވެސް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނިންމާފައި ވަނީ އެ ދަޢުވާ ސާބިތުވާވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.
ޙާމިދު މޫސާއަކީ ވައްކަމުގެ އިތުރުން މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.