މިދިޔަ ސީޒަނުގެ ސްޕެއިން ޗެމްޕިއަން ބާސެލޯނާ މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބިއްޖެ ނަމަ، އެކަމުގެ ޒިންމާ ނަގާނެ ކަމުގައި އެ ކްލަބުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.

މި މަހު ބާސާ އަށް ލިބުނު ބަލިތަކާއި ގުޅިގެން އެ ޓީމަށް ގިނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހި، ކޯޗު މާޓިނޯ އަށް ވަނީ ގިނަ ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. މި މަހު އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ، ޗެމްޕިއަންސް ލީގުން ބާސާ ކެޓި އިރު، ކޮޕާ ޑެލްރޭގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ވެސް ވަނީ ބަލިވެފަ އެވެ.

"އަހަރެން އައުމުގެ ކުރިން ބާސާ އަކީ އާންމުކޮށް ކާމިޔާބު ހޯދާ ޓީމެއް. ނަމަވެސް އަހަރެން އައުމާ އެކު ޓީމަށް ލިބެން ފެށީ ނާކާމިޔާބީ. މި ކަމުގެ ޒިންމާ އަހަރެން ނަގާނަން. ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހިއްޖެ ނަމަ، އެކަމުގެ ޒިންމާވެސް ނަގާނަން،" ބާސާގެ ކޯޗު ބުންޏެވެ.

ބާސާގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް އާއި މާޓިނޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި ދެކެވުމުންދާ ވާހަކަތައް އެ ކްލަބުގެ ކޯޗު ވަނީ ދޮގުކޮށްފަ އެވެ.

"ފަރިތަކުރުމުގައި އެކަހަލަ ވާހަކަތައް މަޖަލަކަށް ދައްކަފާނެ، އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. ޓީމު ތެރޭގައި އަދި އަހަރެންނާއި ސަންޗޭޒްއާ ދެމެދު އެއްވެސް މައްސަލައެއް ނޯންނާނެ،" އޭނާ ބުންޏެވެ.

ސްޕެނިޝް ލަލީގާގެ ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އިތުރަށް އެއް މެޗު ކުޅުނު ބާސާ އޮތީ ވަގުތީ ގޮތުން ލީގުގެ ދެވަނައިގަ އެވެ. ބާސާ އާއި އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެކެވެ.