21 Apr 2014, 11:38
ޒުވާނުންގެ "އާއިލާތައް ރޮއްވާލުމަކީ" ފަސޭހަކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ދަތިވާ ގޮތަށް ކަންތައްތައް ވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ފަސޭހަކަމެއް ނޫން ޒުވާނުންގެ އާބާދީއެއް ރޮއްވާލުމަކީ، ޒުވާނުންގެ އާއިލާތައް ރޮއްވާލުމަކީ އަޅުގަނޑަކަށް ފަސޭހަކަމެއް ނޫން. އަދި ޒުވާނުންނަށް ދަތިވާގޮތަށް ކަންތައް ވެގެން ދިޔުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑަކީ ޒުވާނުންނަށް ކަންތައްތައް ގެނެސްދިނުމަށް ޓަކައި ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ޓަކައި ވެރިކަމަށް އައުމަށް މަސައްކަތް ކުރި މީހެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ވަރުގަދަ ސިޔާސީ ސަޚްސުތަކުން" ދައްކަވާ މިސާލުން ޒުވާނުން ހިނގުމުން މައިންބަފައިން ލޮލުން ކަރުނައަޅަން ޖެހޭ ކަމަށާއި އެކަހަލަ ކަންތައްތަކާ ހެދި މިއަދު ވެސް ޒުވާނުންތަކެއް އެތިބީ ހައްޔަރުކޮށްފައި ކަމަށެވެ.
"ރާއްޖޭގައި ހިމެނޭ ވަރުގަދަ ސިޔާސީ ސަޚްސުތަކުން ދައްކަވާ މިސާލުން ޒުވާނުން ހިނގީމާ އުފުލަން މިޖެހޭ ބޮޑެތި ޒިންމާތައް އުފުލާ އިރު މައިންބަފައިން ލޮލުން ކަރުނައަޅާ. މިއަދުވެސް އެތިބީ އަޅުގަނޑުމެން މިދެންނެވި ކަހަލަ ހިތްދަތި ކަމެއްގެ ތެރޭގައި އެތަކެއް ޒުވާނުން އެތިބީ ހައްޔަރުވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރާ އެކީގައި ކުރިއަށް ދިޔުމަށް ޒުވާނުންނަށް ގޮވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުން މަގުން ކައްސާލައިގެންދާނެ ކަމެއް ކުރުމަށް މި ސަރުކާރުން އިރުޝާދެއް ނުދޭނެ ކަމަށެވެ.
ޒުވާނުން މަގުން ކައްސާލައިގެން ދިޔުން ހުއްޓުވުމަށް ޓަކައި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށާއި އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބެން ޖެހުމުން މައިންބަފައިން ލޯބިން އުފަންކުރާ ދަރިން މަގުން ކައްސާލައިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް ގައުމު ބިނާކުރުމުގައި ފިކުރު އެއްގޮތް ކުރުމަށް ރައީސް ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ގައުމަށް އަންނަ ކޮންމެ ކުރިއެރުމަކީ ޒުވާނުންގެ ހިއްސާ އޮންނަ ކަމަކަށް ހަދަން ޖެހޭ ކަމަށާއި އަދި ރަށަށް އަންނަ ދިރުމަކީ ޒުވާނުން އެކަމުގައި ބައިވެރިވާ ކަމެއް ކަމަކަށް ވެސް ހަދަންޖެހޭ ކަމަށެވެ.