މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާގެ މޫނުމަތީ އަގު 100 ރުފިޔާ އިން 10 ބަޔަށް ބަހައި ހިއްސާއެއްގެ އަގު 10 ރުފިޔާ އަށް ދަށްކޮށްފި ކޮންމެ 10 ހިއްސާއަކަށް އެއް ހިއްސާ ބޯނަސްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

އެގޮތަށް ހިއްސާ ސްޕްލިޓް ކުރުމަށް ނިންމީ އެކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނެވެ.

އެމްޓީޑީސީގެ ހިއްސާގެ އަގުދަށްކޮށް ބޯނަސް ހިއްސާ ދިނުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ އަސާސީ ގަވައިދަށް ބަދަލުގެނެސްގެނެވެ. އެގޮތުން ހިންގާ ގަވައިދަށް ގެނައި ބަދަލާ އެކު އެ ކުންފުނިން 100 ރުފިޔާ އަށް ވިއްކަމުން އައި ހިއްސާގެ އަގު 10 ރުފިޔާ އަށް ކުޑަކޮށް ކޮންމެ 10 ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށް ނިންމި އެވެ. އެހެން ކަމުން މީގެ ކުރިން ގަނެފައިވާ ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބައިވާނެ އެވެ.

އެމްޓީޑީސީ އިން މިއަދު ބުނީ ހިއްސާދާރުންގެ ހިއްސާ އެކަށައެޅިފައިވާކަމުގެ ލިޔުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ މެދުވެރިކޮށް ހިއްސާދާރުންނަށް މިހާރު ލިބޭނެ ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ 2012 ވަނަ އަހަރުގެ އަހަރީ ޖަލްސާ އިން ނިންމާފައިވާ ގޮތުގެ މަތިން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ(އެމްއެސްޑީ) ގައިވާ ހިއްސާދާރުގެ އެކައުންޓަށް ހިއްސާދާރުންގެ ހިއްސާ ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ބޯނަސް ހިއްސާ ދިނުމަށް ފާސްކޮށްފައިވީ ނަމަވެސް އެކުންފުންޏަށް ގެއްލުވަމުންދާތީ ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއްނުލިބުނެވެ.