21 Apr 2014, 11:22
މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫ ސިޓީގެ މަރަދޫގައި ހިނގި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރުގެ މީހަކު އައްޑޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހާއަކީ ބާރު ސްޕީޑްގައި ދުއްވި ސައިކަލުގައި އިން މީހާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު ސ. މަރަދޫ ކާނޭޝަންގޭ އުމުރުން 69 އަހަރުގެ ހަސަން ނަސީރަށް އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ވަނީ ރޭ ފަތިހުގެ ވަގުތެއްގައި މަރުވެފަ އެވެ.
އެކްސިޑެޓުވުމުގެ ސަބަބުން ހަސަން ނަސީރުގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އިތުރު ޒަޚަމްތަކެއް ލިބިފައިވެ އެވެ.
މަރަދޫން ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ނަސީރު ސައިކަލްގައި ގެއަށް ވަންނަނިކޮށް ހިތަދޫއާވީކޮޅަށް ބާރުސްޕީޑުގައި ދިޔަ ސައިކަލެއްގައި ޖެހި ކަމަށެވެ.