އަންނަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު ސައުތު ކޮރެއާގައި ބާއްވާ 17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެ އިން ވާދަކުރާ އަންހެން ގައުމީ ހޭންޑްބޯލް ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުރިއަށް ދިޔަ ގައުމީ ހޭންޑްބޯލްގެ ފަރިތަކުރުންތަކުގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި އިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖެއްސި އަލީ ނަސީރު ވެސް ބައިވެރިވި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުޖްތަބާ (މުޖޭ) ވިދާޅުވީ، ރޭގެ ފަރިތަކުރުންތަކުގައި ގާތްގަނޑަކަށް 22 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

"ފުރަތަމަ ފަރިތަކުރުމުގައި ގާތްގަނޑަކަށް 22 ކުޅުންތެރިން ބައިވެރިވި. ސްކޮޑުގައި މި ހިމެނެނީ ޖުމްލަ 25 ކުޅުންތެރިން. ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދާނީ ކޯޗު އަލީ ނަސީރުގެ އިރުޝާދުގެ ދަށުން. ކޯޗަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހަކަށްވާތީ، ފަރިތަކުރުންތައް ޝެޑިއުލްކުރެވިފައި ވާނީ އަލީ ނަސީރުގެ ޑިއުޓީތަކަށް ބަލައިފަ. ފަރިތަކުރުންތައް އޮންނަ ދުވަސްތަކުގައި ފަރިތަކުރުންތައް ފަށާނީ ރޭގަނޑު 9:30 ގަ،" ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

ހޭންޑްބޯލް ދިރުވައި އާލާކުރުމުގެ ގޮތުން ހެންޑްބޯލް މޯލްޑިވްސްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ގުޅިގެން އޮލިމްޕިލް ސޮލިޑަރިޓީ ކޯޗިން ކޯހެއް މިދިޔަ ފެބްރުއަރީ މަހު ހިންގި އިރު، މިދިޔަ މަހު ވަނީ ގައުމީ ސްކޮޑް އެކުލަވައިލުމުގެ މަސައްކަތް ފަށައިފަ އެވެ.