21 Apr 2014, 11:13
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ ކަމަށް އުންމީދުކުރާ ކަމުގައި ބަޔާންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކާލް ހެއިންޒް ރުމެނިޖް ބުނެފި އެވެ.
އުމުރުން 29 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯގެ ފައިގެ މަސް ގަނޑަށް އަނިޔާވީ، ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ރެއާލް ކުޅުނު މުހިންމު މެޗުތަކެއް ރޮނާލްޑޯ އަށް ގެއްލިފައި ވެއެވެ. އެގޮތުން ކޮޕާ ޑެލްރޭ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްލެވެ އެވެ.
"އަހަރެންގެ ޓީމާ ދެކޮޅަށް ނުކުންނަ އިރު، އަހަރެން ބޭނުން ރޮނާލްޑޯ ކުޅޭ ތަން ބަލައިލަން. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކުޅޭ ތަން ބަލައިލަން ސަޕޯޓަރުން ވެސް ބޭނުންވާނެ،" ރުމެނިޖް ބުންޏެވެ. "ސެމީގައި ކުޅޭ އަނެއް މެޗަކީ ވެސް މުހިންމު މެޗެއް، ނަމަވެސް އެންމެންވެސް އިންތިޒާރު ކުރާނީ ބަޔާން އާއި ރެއާލް ކުޅޭ މެޗަށް. މި މެޗަށް ރޮނާލްޑޯ ފިޓްވާނެ ކަމަށް އަހަރެން އުންމީދުކުރަން،"
ރެއާލް މެޑްރިޑާ ދެކޮޅަށް ބަޔާން ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން މެންދަމު 11:45 ގަ އެވެ. މި މެޗު ކުޅޭނީ ރެއާލްގެ ސެންޓިއާގޯ ބެރްނެބެއޫގަ އެވެ. ސެމީގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޗެލްސީ ނުކުންނާނީ މާދަމާ ރޭ 11:45 ގަ އެވެ.