21 Apr 2014, 11:05
މުދާ "ކްލިއާ" ކުރުމުގައި ކަރުދާސް ބޭނުން ކުރުން ހުއްޓާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިހާރު ވަނީ އެއާ ކާގޯ ކްލިއާ ކުރުމުގައި، ކަރުދާސް ބޭނުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ޑޮކިއުމަންޓް ހުށައަޅައިގެން އެކަން ކުރެވޭނޭ ގޮތް ހަމަޖައްސައިފަ އެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެގޮތް ވެސް ކަސްޓަމްސް އިން ވަނީ ހަމަޖައްސައިފަ އެވެ.
ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ކަންޑުމަގުން ގެންނަ މުދާ ކުލިއާ ކުރުމުގައި ވެސް ކަރުދާސް ޑޮކިއުމަންޓް ބޭނުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް އެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގާއިމް މިކުރަނީ ޕޯޓަލް އެއް، އެޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑޮކިއުމަންޓްތައް ހުށައެޅޭނެ" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ކަސްޓަމްސް އިން މިހާރު ކަނޑައަޅާފައިވާ އުސޫލްތަކާއެކު ކަރުދާސް ބޭނުން ކުރުން ހުއްޓާލުމުން ވަރަށް ބޮޑު އަދަދެއް ހަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްކަމެއް ނިޔާޒް ވިދާޅެއް ނުވެއެވެ.