21 Apr 2014, 10:57
ސްލަވިޔަންސިކް (އެޕްރީލް 21) : ރަޝިޔާ އަށް ތާއީދުކުރާ މީހުންގެ އަޣްލަބިއްޔަތެއް އޮންނަ ޔުކްރޭންގެ ސީޓީއެއް ކަމަށްވާ ސްލަވިޔަންސިކްގެ ޗެކްޕޮއިންޓަކަށް ރަޝިޔާއާ އިދިކޮޅު ހަތިޔާރުއެޅި ބަޔަކު އިއްޔެ ޙަމަލާދީ ފަސް މީހުން މަރާލުމާ ގުޅިގެން ރަޝިޔާގެ ސުލްހަ ބަލަހައްޓާ ބާރެއް އެ ރަށަށް ފޮނުވައި ދިނުމަށް އެސިޓީގެ މޭޔަ ވިޔަޗިސްލާވް ބުނުމަރީވް، ރައީސް ވްލަޑިމޭރު ޕޫޓިން އަށް ގޮވާލައްވައިފި އެވެ.
އޭނާ ވިދާޅުވީ ރަޝިޔާގެ ހިމާޔަތަށްސްލަވިޔަންސިކްގެ ރައްޔިތުން ބޭނުންވެފައިވާ ކަމުގައެވެ. މި ފަސް މީހުން މަރާލި މައްސަލާގައި ރަޝިޔާ އިން ވަނީ ޔުކްރޭން ސަރުކާރަށް އިންޒާރެއްދީފަ އެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ މިއީ ޔުކްރޭންގައި ހަރުކަށި އަމަލުތައް ހިންގަމުންގެންދާ ވަތަނީ ޚިޔާލުގެ ހަރުކަށި ޖަމާއަތްތައް ކޮންޓްރޯލްކުރުމުގައި ޔުކްރޭންގެ ސަރުކާރު ފޭލްވެފައިވާ ކަމުގެ ހެއްކެތް ކަމުގަ އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ މިއީ ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ޓަކައި ޖެނީވާގައި މިދިޔަ ބުރާސްފަތި ދުވަހު ޔުކްރޭންވެސް ހިމެނޭގޮތަށް ބޭއްވި ހަތަރުފަރާތުގެ ބައްދަލުވުމުގައި އެއްބަސްވި އެއްބަސްވުމާ ވެސް ޚިލާފު ޢަމަލެއް ކަމުގަ އެވެ. ޔުކްރޭނާއި ރަޝިޔާއާއި ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި އެބައްދަލުވުމުގައި އެއްބަސްވެފައި ވަނީ ޔުކްރޭންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޣައިރު ގާނޫނީ ހުރިހާ ޖަމާއަތްތަކެއް ރޫޅާލުމާއި ޔުކްރޭންގެ މިހާރުގެ ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކަކަށްމަޢާފް ދިނުމާއި ޔުކްރޭންގެ އެކި ނަސްލުތަކަށް ނިސްބަތްވާ މީހުންގެ މެދުގައިތަފާތުކުރުންތައްނައްތާލައި ހަމަހަމަކަމާއި އިންސާފުވެރި ގޮތުގައި ޔުކްރޭންގެސަރުކާރުން އެގައުމުގެ ހުރިހާ ރައްޔިތުންނާމެދުގައި މުއާމަލާތް ކުރުމެވެ.
ރަޝިޔާ އިން ވަނީ ޔުކްރޭންގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފަށައިފި ނަމަ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ. ޔުކްރޭންގެ ސްލަވިޔަންސިކް ގައިވާ ޗެކްޕޮއިންޓަކަށް އިއްޔެދިން ހަމަލާތަކުގައި ފަސް މީހުން މަރުވުމަކީ ޔުކްރޭންގެ މައްސަލަ ސުލްހަވެރިގޮތުގައި ހައްލުކުރުމަށް އެއްބަސްވެފައިވާ ޖެނީވާގެ އެއްބަސްވުން ތަންފީޒުކުރުން ފަސޭހަކަމަކަށްނުވާނެކަން ހާމަވެގެން ދިޔަކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
ސްލަވިޔަންސިކް އަކީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ރަޝިޔާއަށް ތާއީދުކުރާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ މައި މަރުކަޒު ކަމަށް ޔުކްރޭން ސަރުކާރުން ސިފަކުރާ ސިޓީއެވެ. އެސިޓީގައިވާ ޗެކްޕޮއިންޓަކަށް އިއްޔެ ޙަމަލާދީފައިވަނީ ޔުކްރޭންގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާއެޅި ހަރުކަށި ޖަމާއަތަކުން ކަމަށް ޚަބަރުތައްބުނެއެވެ. (ރޮއިޓާސް)