21 Apr 2014, 11:00
ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ސޮއިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމަލީގޮތުން މަސައްކަތް ފަށާފައިވާ ބ. އޭދަފުށި ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެރަށުގެ ބިމަށް އިތުރުކުރަން ނިންމާފައިވާ ބިމުގެ ސަރަހައްދުން ތިމާވެއްޓަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ބޭނުންވާ ސަރަހައްދެއް ދޫކޮށްލުމަށްފަހު ބާކީއޮތް 24 ހެކްޓަރުގެ ބިން ކުރިޔަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެކަމުގެ ޔަގީންކަން އެ މަސައްކަތާ ހަވާލުވެފައިވާ ބޮސްކާލިސް ކުންފުނިން ވެސް ދީފައިވާ ކަމަށެވެ.
"ތިމާވެއްޓަށް ވިސްނާފަ ދޫކޮށްލަންޖެހޭ ސަރަހައްދެއް ދޫކޮއްލުމަށްފަހު ބާކީއޮތް 24 ހެކްޓަރު ކުރިޔަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. އެކަމުގެ ޔަގީންކަން ބޮސްކާލިސް ކުންފުނިން ވެސް އަޅުގަނޑުމެންނަށް އެބަދޭ،" މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އޭދަފުށީގެ ބިން ސަލާމަތް ކުރުމަށްޓަކައި ގިރާ ސަރަހައްދުތަށް ބެލުމަށްފަހު އެ ސަރަހައްދުތަކުގައި ބޮޑުހިލަ ޖަހާނެ ކަމަށާއި އިތުރަށް ބިމަށް ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ ކަމެއް އޮތްނަމަ އެކަމެއް ހައްލުކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 10 މިލިއަނާ 11 މިލިއަނާ ދެމެދުގެ ފައިސާ ހަރަދުވާ ކަމަށާއި ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ރަށަށް އިތުރު ތަރަށްގީ ގެނައުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ކުރެވެން ހުރި މަސައްކަތް ތަކެއް ކުރައްވާނޭ ކަމަށެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 32 ހެކްޓަރުގެ އޭދަފުއްޓަށް އިތުރަށް 24 ހެކްޓަރުގެ ބިން ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރާއިރު އެ ކުންފުނިން ވަނީ ދ. މީދޫ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ހަފްތާތެރޭގައި ނިންމާލާފައެވެ.