ދިވެހި ކުންފުންޏެއް ކަމަށްވާ ޒާއިލިންގް ޕުރައިވެޓް ލިމިޓެޑްގެ ފާރާތުން އަންނަ ދިރާސި އަހަރާ ދިމާކޮށް އައު ޕްރީ ސުކޫލެއް ހުޅުވުމަށް ތައްޔާރު ވެއްޖެ އެވެ.


ކިޔަވައި ދިނުމުގެ ދާއިރާގައި ކުރިން ހަރަކާތްތެރިވެފައިވާ ޓީޗަރުންތަކެއްގެ އިސްނެގުމާ އެކު އުފައްދާފައިވާ "ޒާއިލިންގް ޕްރީ ސުކޫލު"ގައި ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީ އަށް ކިޔަވައިދޭ އިރު އެ ސުކޫލަށް ވަނުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 11 އާ ހިސާބަށް ހުޅުވާލައިފި އެވެ.


ހެންވޭރު ބޯޅަދަނޑު ފުރަގަހަށް ވާގޮތަށް "އޯލްވެސް ހެޕީ ހައުސް"ގެ ފުރަތަމަ ފަންގިފިލިލާގައި ހުންނަ އެ ޕްރީ ސުކޫލުގެ އެއް މަސްއޫލުވެރިޔާ ޔުމްނާ ރަޝީދު އާދިއްތަ ދުވަހު ވިދާޅުވީ އެ ސުކޫލުގައި ތުއްތު ކުދިންނާ ރައްޓެހި މާހައުލެއްގައި ކިޔަވައި ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމް ކުރެވިފައިވާ ކަމަށާއި ތައުލީމާއި ތަޖުރިބާ ލިބިފައިވާ ޓިޗަރުން އެ ސުކޫލުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


"އަޅުގަނޑުމެންގެ ޓީޗަރުންނަކީ ހަމަ އެޑިޔުކޭޓެޑް ޓީޗާޒް. އަޅުގަނޑުމެން ވަރަށް ބަލާފައި ޓީޗާޒް ނަގާފައި މި ތިބީ. އަދި ޔުނިސެފްގެ ޗައިލްޓް ފުރެންޑްލީ ސްޓޭންޑަޑަށް ކިޔަވައިދޭނީ،" ޔުމްނާ ވިދާޅުވި އެވެ.


ތިން ކުލާސްރޫމު ހިމެނޭ އެ ސުކޫލުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކޮންމެ ދަންފަޅިއެއްގައި ދެ ކުލާސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.


ޔުމްނާ ވިދާޅުވީ އެ ސުކޫލުގައި ކުލާހެއްގައި 15 ކުދިނަށް ކިޔަވައިދޭއިރު ކޮންމެ ކުލާހެއްގައި ވެސް ދެ ޓީޗަރުން ތިބޭނެ ކަމަށާއި ބޭބީ ނާސަރީ ކުލާސްތަކުގައި އިތުރު އެސިސްޓެންޓް ޓީޗަރެއް ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.


"މި ސުކޫލުގައި ހަމަ ގައިމުވެސް ކުދިންނަށް މާ ބޮޑަށް އަޅައިލެވޭނެ. އަދި ކުދިންނަށް މާބޮޑަށް ބުނެދެވޭނެ،" ޔުމްނާ ވިދާޅުވި އެވެ.


މިހާރު ވެސް ސުކޫލުގެ ގިނަ ޖާގަތަކެއް ފުރިފައިވާ ކަމަށް ވިދާޅުވެ، ޔުމްނާ ވިދާޅުވީ އެ ސުކޫލުގައި ލައިބުރަރީގެ ހިދުމަތުގެ އިތުރުން އެ ސުކޫލާއި އިންވެގެން އޮންނަ ހެންވޭރު ދަނޑު ވެސް ކުޅިވަރުތައް ކުޅެ ހެނދުމުގައި ބޭނުން ކުރެވޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.


"މިތާންގެ މާހައުލު ރަހުމަތްތެރި ވާނެ. ކުޅެލަން ޖެހިގެން މިއޮތް ދަނޑުން އެ ކުދިންނަށް ފުރުސަތު ވެސް ލިބޭނެ. ބުނާނީ މިއީ ހަމަ ރަނުގެ ފުރުސަތެކޭ." ޔުމްނާ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެ ސުކޫލުގައި މަހު ފީއެއްގެ ގޮތުގައި ނަގާނީ 650ރ. ކަމަށާއި ހުރިހާ ސްޓޭޝަނަރީ އަކާއި ފޮތްބައި ވެސް ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ސުކޫލުން ކަމަށެވެ.


"މިތަނަށް ހަމަ އެކަނި ކުއްޖާ އަންނަން ޖެހޭނީ. އެހެން ހުރިހާ އެއްޗެއް އަޅުގަނޑުމެން ފޯރުކޮށްދޭނީ." ޔުމްނާ ވިދާޅުވި އެވެ.


ސްކޫލުގައި ކިޔަވައިދޭ ގަޑިތައް އަދި ނިންމާފައި ނުވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.


ޒާއިލިންގް ޕްރީ ސްކޫލުގެ ފަރާތުން ވަނީ މި މަހުގެ 22 – 24 ގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި މައުލޫމާތު ދިނުމުގެ އޯޕަންޑޭއެއް ވެސް ވަނީ ބާއްވައިފަ އެވެ. އެ ސުކޫލުން ބުނީ އޯޕަންޑޭއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި ގިނަ އަދަދެއްގެ ކުދިން އެ ސުކޫލަށް ވަނުމަށް ފޯމު ފުރިކަމަށެވެ.