ގާހިރާ (އެޕްރީލް 21) : އަންނަ މޭމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އެންމެ ދެ ކެންޑިޑޭޓުން ކަމަށް މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ހާމަކޮށްފި އެވެ.

އެކޮމިޓީގެ އަމީން އާންމު އަބްދުލްއަޒީޒް ސަލްމާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ކެންޑިޑޭޓުންގެ ގޮތުގައި ފޯމްތަކާއި ލިޔެލިޔުންތައް ހުށަހަޅާފައި ވަނީ ކުރީގެ ދިފާއީ ވަޒީރު ރިޓަޔަޑް މާޝަލް އަބްދުލްފައްތާހް އައްސީސީ އާއި ޕީޕަލްސް ޕާޓީގެ ޒަޢީމް ހަމްދީން ސަބާހީ ކަމުގަ އެވެ. ޕީޕަލްސް ޕާޓީއަކީ ވަތަނީ ޚިޔާލުގެ ކުޑަޕާޓީ އެވެ. މިސްރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ އަންނަ މޭމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށް އެގައުމުގެ އިންތިޚާބުތަކާ ބެހޭ އެންމެމަތީ ކޮމިޓީން ކުރިންވަނީ އިޢުލާންކޮށްފަ އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭން ފެށިފައިވާ އިރު ޑިމޮކްރަސީއެއްގައި ފެންނަ ބާވަތުގެ އެއްވެސް ސިޔާސީ ވާދަވެރިކަމެއް މިސްރުގެ މަސްރަހުން ފެންނާކަށްނެތެވެ. މިސްރުން ފެންނަމުންދަނީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ޢަސްކަރީ އިންގިލާބަކުން ވައްޓާލުމުގައި އިސްކޮށް ހުންނެވި ކުރީގެ ދިފާޢީ ވަޒީރު އަދި ސިފައިންގެ ކުރީގެ ވެރިޔާ މާޝަލް އަބްދުލްފައްތާޙް އައްސީސީ ވެރިކަމަށް ގެނައުމަށް ޓަކައި އޭނާގެ ކޮޅަށް ގޮސް ހުސްވެފައިވާ ބަޔަކު މަސައްކަތްކުރަމުންދާ މަންޒަރާއި ޢަސްކަރީ އިންގިލާބަށް ފަހު މިސްރުގައި ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން އިހްތިޖާޖްތަކާއި މުޒާހަރާތައް ކުރަމުންގެންދާ މަންޒަރުތަކެވެ.
މިސްރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ލީޑަރުންތަކެއް ކުރިމަތި ލައްވާފައި ނުވަނީ މިއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށް ބެލެވިފައިވުމުގެ އިތުރުން އިންގިލާބީ ވެރިޔާ އަދި ކުރީގެ ދިފާޢީ ވަޒީރު އަބްދުލްފައްތާޙް އައްސީސީގެ ބާރާއި ނުފޫޒު މިސްރުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ގަދަވެފައިވުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެ އެވެ.
މިސްރުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނީ މާޝަލް ސީސީ ކަމަށާ އެނޫންކެންޑިޑޭޓަކަށް މިސްރުގެ ރިޔާސަތަށް އައުމުގެ އެއްވެސް ފުރްސަތެއްމިދުވަސްވަރު ނެތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ)