21 Apr 2014, 10:48
އިނގިރޭސި ޕްރިމިއާ ލީގުގައި ނޮވިޗް ސިޓީ އަތުން މޮޅުވެ، ލިވަޕޫލުން ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މެޗުގައި ލިވަޕޫލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނުނީ އިނގިރޭސި ޒުވާން ފޯވަޑް ރަހީމް ސްޓާލިންގް އެވެ. ދެ ލަނޑު ތިން ލަނޑުން ލިވަޕޫލް މޮޅުވި މި މެޗުގައި ސްޓާލިންގްގެ ފަރާތުން ދެ ލަނޑު ފެނިފައިވެ އެވެ. މި މެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ކާމިޔާބުކުރި 30 ވަނަ ލަނޑު ފެނިފައިވެ އެވެ.
ސްޓާލިންގްގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ ހަތަރު ވަނަ މިނެޓްގަ އެވެ. އޭގެ ހަތް މިނެޓް ފަހުން ސުއަރޭޒްގެ ލަނޑު ފެނިގެންދިޔަ އިރު، 54 ވަނަ މިނެޓްގައި ނޮވިޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ގޭރީ ހޫޕާ އެވެ.
އަނިޔާގެ ސަބަބުން އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓަރޭޖް ފެނިފައި ނުވާ މި މެޗުގައި ސްޓާލިންގްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 62 ވަނަ މިނެޓްގަ އެވެ. އަދި ނޮވިޗްގެ ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްކޮޓްލެންޑް މިޑްފީލްޑަރު ރޮބާޓް ސްނޮޑްގްރާސް އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ވަނީ އެވަޓަން އަތުން ބަލިވެފަ އެވެ. ޔުނައިޓެޑް އަތުން 2-0 ލަނޑުން މޮޅުވެ، އެވަޓަން ވަނީ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުކޮށްފަ އެވެ.
އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް މިހާރު ކޯޗުކޮށްދެމުންދާ ޔުނައިޓެޑް ކޮޅަށް، އެވަޓަންގެ ފުރަތަމަ ލަނޑު ޖަހައިފައި ވަނީ މެޗުގެ 28 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެވަޓަން އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިނގިރޭސި ލެފްޓް ބެކް ލެއިޓަން ބޭއިންސް އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން މިރާލާސް އެވެ.
އެއް ޕޮއިންޓްގެ ތަފާތާއެކު އެވަޓަންގެ ކުރީގައި އޮތް އާސެނަލް ވެސް ވަނީ ރޭގެ މެޗުން މޮޅުވެފަ އެވެ. ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ލަނޑުންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ ކާމިޔާބުކޮށްދިން އިރު، ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޮލްސްކީ އެވެ.
ލީގު ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، 35 މެޗުން ލިބުނު 80 ޕޮއިންޓާއެކު ލީގުގެ އެންމެ ކުރީގައި އޮތީ ލިވަޕޫލް އެވެ. ތިރީސް ފަސް މެޗުން ލިބުނު 75 ޕޮއިންޓާއެކު ދެވަނައިގައި ޗެލްސީ އޮތްއިރު، 33 މެޗުން ލިބުނު 71 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިރީސް ފަސް މެޗުން ލިބުނު 70 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގައި އާސެނަލް އޮތްއިރު، ފަސްވަނައިގައި އޮތް އެވަޓަން އަށް 35 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ.