21 Apr 2014, 10:42
ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ލަނޑުން ބާސާލޯނާ އަށް އެތުލެޓިކޯ ބިލްބާއޯ އަތުން ތިން ޕޮއިންޓް ލިބިއްޖެ އެވެ.
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 2-1 ލަނޑުންނެވެ. މެޗުގެ ހުރިހާ ލަނޑެއް ފެނިގެން ދިޔައީ ދެވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ބިލްބާއޯގެ ސްޕެއިން ފޯވަޑް އަރިޓްޒް އަޑޫރިޒް ކާމިޔާބުކުރި ލަނޑާ އެކު ހާސްކަމުގެ ތެރެއަށް ބާސާ ވެއްޓިގެން ދިޔަ އެވެ.
ބިލްބާއޯ ލީޑު ނެގިތާ ކައިރި ބާސާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބާސާގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް އަށެވެ. ނަމަވެސް ސަންޗޭޒްގެ ހަމަލާ އަމާޒުވީ ބިލްބާއޯގެ ގޯލްގެ ދަނޑިއަށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ސްޕެއިން ފޯވަޑް ޕެޑްރޯ އެވެ. މެސީގެ ލަނޑު ފެނުނީ އޭގެ ދެ މިނެޓް ފަހުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ބާސާ އަށް ފުރިހަމަ ކޮންޓްރޯލް ލިބިފައި ނުވާ މި މެޗުގައި ބިލްބާއޯގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިފައިވެ އެވެ.
ލަލީގާގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ގްރެނޭޑާ އަތުން ސެވިއްޔާ މޮޅުވީ 4-0 ލަނޑުންނެވެ. ސެވިއްޔާގެ ފުރަތަމަ ލަނޑަކީ ގްރެނޭޑާ ޑިފެންޑަރު ޑިއެގޯ މައިންޒް ގާސިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބާކީ ލަނޑުތައް ސެވިއްޔާ އަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ކެވިން ގަމޭރޯ އާއި ކެމެރޫން ޑިފެންޑަރު ސްޓެފަން އެމްބިއާ އަދި ސްޕެއިން ފޯވަޑް ވިޓޯލޯ އެވެ.
ރެއާލް ބެޓިސް އަތުން 3-1 ލަނޑުން ރަޔޯ ވަޔެކާނޯ މޮޅުވި އިރު، އަލްމޭރިއާ އަތުން ސެލްޓަ ވިގޯ މޮޅުވީ 4-2 ލަނޑުންނެވެ.
ރޭގެ އުނދަގޫ މޮޅާއެކު ވަގުތީ ގޮތުން ބާސާ ވަނީ ސްޕެނިޝް ލަަލީގާގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ތިރީސް ހަތަރު މެޗުން ލިބުނު 85 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިރީސް ހަތަރު މެޗުން ލިބުނު 81 ޕޮއިންޓާ އެކު ބާސާ ދެވަނަ އަށް އެރި އިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު 33 މެޗުން ލިބިފައި ވަނީ 79 ޕޮއިންޓެވެ.