21 Apr 2014, 10:34
މަތިންދާބޯޓް އެމްއެޗް370 ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގެ ކަނޑުއަޑީގެ ތިންބައިކުޅަ ދެބައި ސަރަހައްދު ބެލި އިރު ވެސް ބޯޓްގެ އެއްވެސް އަސަރެއް ނުފެނުނެވެ.
ޖޮއިންޓް އެޖެންސީ ކޯޑިނޭޝަން ސެންޓަރް ( ޖޭއޭސީސީ) އާ ހަވާލާދީ ޗައިނާގެ ޒިންހުއާނިއުސް ބުނީ ބޯޓް ހޯދުމަށް ބަލަން ކަނޑައަޅާފައިވާ ސަރަހައްދުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި، ބްލޫފިން 21 ސަބްމެރިން ބޭނުންކޮށްގެން ބަލާފައިވާ ކަމަށެވެ.
ޖޭއޭސީސީން މިއަދު ހެނދުނުބުނީ ބްލޫފިން 21 ސަބްމެރިން އޭގެ އަށް ވަނަ މިޝަން ނިންމާލާފައިވާ ކަމަށެވެ. އަދި އޭގެ ނުވަވަނަ މިޝަން މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް ބުންޏެވެ.
މަތިންދާބޯޓް އެމްއެޗް370 ހޯދުމަށް ސަބްމެރިން ބޭނުންކޮށްގެން ބެލުމަށް ކަނޑައަޅާފައި ވަނީ 10 އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. އެއީ މަތިންދާބޯޓެއްގެ ބްލެކްބޮކްސްއެއްގެ ސިގްނަލެއް ކަމަށް ބެލެވޭ ސިގްނަލެއް އެންމެ ފަހުން ލިބުނު ސަރަހައްދެވެ. ސިގްނަލް އެންމެ ފަހުން ލިބިފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހެވެ.
މަތިންދާބޯޓް ހޯދުމަށް މިއަދު ކުރާ މަސައްކަތުގައި އަސްކަރީ 10 މަތިންދާބޯޓާއި 11 ކަނޑުބޯޓު ހަރަކާތްތެރިވާނެ އެވެ. ހޯދުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގެ މޫސުން މިއަދު ދަނީ ގޯސްވަމުންނެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.