މުދައްރިސް އެ ދުވަހު ކިޔަވާދޭން ދިޔަ އިރު ހުރީ ކަންބޮޑުވެފަ އެވެ. ސްކޫލަށް ދެވުނީ އޮޅިގެން ގަލަން ގޭގައި ބާއްވައިފަ އެވެ. ކުލާހަށް ވަނުމާ އެކު ދަރިވަރުން ގާތުގައި އެ ވާހަކަ ބުނެލައިފި އެވެ. މުދައްރިސް އެހެން ބުނުމާ އެކު ދަރިވަރުން ފެށީ ހޭށެވެ. ގަމީސް ޖީބުގައި ގަލަން އޮތް ތަން ދަރިވަރުންނަށް ފެނެ އެވެ. އެކަމަކު ޖީބުގައި ގަލަން އޮތް ކަމެއް މުދައްރިސްގެ ވެސް ވިސްނުމެއް ނެތެވެ. ބުނެވޭ ގޮތުގައި މުދައްރިސް މީހާ އެއިރު ހުރީ އަފިހުން ކޮޅެއް ބޭނުން ކޮށްލައިގެނެވެ.

މިއީ ދިވެހިންގެ ތެރޭގައި މީގެ 50 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަމަށް ދެކެވޭ ވާހަކަ އެކެވެ. ޖޯކެއް ކަމެއް ނުވަތަ ހަގީގަތުގައި ވެސް ހިނގައި ދިޔަ ހާދިސާއެއް ކަމެއް ނޭނގެ އެވެ. އެކަމަކު މި ވާހަކައިން ވެސް ދިވެހިންގެ ތެރޭގައި މަސްތުވުމުގެ އާދަ ހުރި ގޮތް ކުޑަކޮށް ނަމަވެސް އެނގިގެން ދެ އެވެ. އެހެން ނޫންތޯ އެވެ؟

މަސްތުވުމަށް އެކި ބާވަތުގެ ތަކެތި ބޭނުން ކުރާކަން ދިވެހި ތާރީހުން އެނގެން އެބަ އޮތެވެ. އެއިރުން ފެށިގެން އައި އާދަ މިހާރު މި އޮތީ ހުއްޓުމުގެ ކޮޅެއް ނުފެންނަ ވަރަށް ބޮޑުވެފަ އެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު ދެނަގަތުމަށް ކުރި ރާއްޖޭގައި ހަމައެކަނި ކުރި ސާވޭއިން ދައްކާ ގޮތުގައި 7500 މީހުން ކޮންމެސް ގޮތަކުން މަސްތެއްވެ އެވެ. ރަސްމީ އަދަދު އެގޮތަށް ދެއްކި ނަމަވެސް ކަމާބެހޭ މާހިރުން ބުނާ ގޮތުން އެ އަދަދަށް އިތުރު އެތައް ހާހެއް އެއްކުރަންޖެހެ އެވެ.

މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިއަށް ބަލާއިރު އެންމެ ބާރުގަދަ އެއް މަސްތުވާއެތި ކަމަށްވާ އޯފިއަމް ނުވަތަ އަފިހުނަކީ ރާއްޖޭގައި އާންމުކޮށް ވިއްކަން ލިބޭ އެއްޗެކެވެ. ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގައި އަފިހުން ބޭނުންކޮށް އުޅުނެވެ.

"ބޭސްވެރިކަމަށް އަފިހުން ގެނެސް ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކު ވިއްކާ. އެކަމަކު އެއީއަކީ އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ އެއްޗެއް ނޫން. ވަކި މިންވަރަކަށް ލިބެން ހުންނާނީ،" ދިވެހި ތާރީހު ދިރާސާ ކުރައްވާ ކަށިމާ އަހުމަދު ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތަށް ކުރީގައި ބޭސްވެރިކަމުގެ ބޭނުމަށް އަފިހުން ވިއްކުމަކީ ސަރުކާރުން ވެސް ކުރަމުންދިޔަ ކަމެކެވެ. ކަނީރު އަބްދުއްރަހީމަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަފިހުން ވިއްކި ދުވަސްވަރު އެތަކެތި ވިއްކުމަށް އެ ކުންފުނީގައި އިންނެވި ބޭފުޅެކެވެ.

"ބޭސްވެރިކަމުގެ ސިޓީ ދިނީމާ އެ ވިއްކާނީ ވެސް. ވިއްކާނީ ވެސް ކުޑަކުޑަ އެތިކޮޅެއް. މަދޮށި އޮށެއްހާ އެތިކޮޅެއް އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި ކަށިމާ ޝާކިރު އަދި ކަނީރު އަބްދުއްރަހީމް ވިދާޅުވާ ގޮތުން ގަންނަން ލިބުނު ނަމަވެސް އަފިހުނަކީ މަސްތުވުމަށް ބޭނުން ކުރި އެއްޗެއް ނޫނެވެ. މަސްތުވުމަށް އަފިހުން ބޭނުން ކުރާ ވާހަކަ ވެސް އެއިރު އިވެނީ ތުންތުން މަތިން ހާލަކުން ފަހަރެކެވެ. އެކަމަކު ލިބެން ހުންނަ ކަމަށްވާ ނަމަ އަފިހުންގެ ނާޖާއިޒު ބޭނުން ކުރާ މީހުން ވެސް އުޅޭނެތާ އެވެ.

"ބޭސްވެރިންގެ ތެރޭގައި [މަސްތުވުމަށް] އަފިހުން ބޭނުންކޮށް އުޅުނު މަދު ބަޔަކު ޖިންސީ ކަންކަމަށް ކުރިއެރުން ލިބެޔޭ ކިޔައިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގެ އިތުރުން އާންމުކޮށް ވެސް ދިވެހިން އަފިހުން ބޭނުންކޮށް އުޅުނު ކަމަށް ތާރީހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަހުމަދު ޝާތިރު ވިދާޅުވާ ގޮތުގައި އިހު ޒަމާނުގައި މަސްތުވުމަށް އަފިހުން ބޭނުން ކުރުމަކީ "އާންމު" ކަމެކެވެ.

"އަފިހުން އާންމުކޮށް ވެސް ބޭނުންކޮށް އުޅޭ ދުފުމާއި ކަންތައްތަކުގައި. ފަންޑިތަވެރިކަމާއި އެކަހަލަ ކަންކަމުގައި ވެސް އަފިހުން ބޭނުން ކުރާ ކަމަށްވޭ،" ޝާތިރު ވިދާޅުވި އެވެ.

މިހާރު މަސްތުވުމަށް ބޭނުން ކުރާ ހެރޮއިން އާއި ކެނަބިސް ނުވަތަ ފަތް ބޭނުން ކުރަން ދިވެހިން ފެށީ ކޮން އިރަކުތޯ އެވެ؟

"ޓުއަރިޒަމް ފެށުމާއެކު މިހާރު މި ބޭނުން ކުރާ ޒާތުގެ ތަކެތި ދިވެހިން ވެސް ބޭނުން ކުރަން ފެށީ،" ޝާތިރު ވިދާޅުވި އެވެ.

ޓޫރިޒަމް ފަށައިގެން ދުވަސްވަރު ނުވަތަ 80ގެ ފަހު ކޮޅު ނުވަތަ 90ގެ ކުރީކޮޅު ރާއްޖޭގައި މީހުން ބޭނުން ކުރީ ހަކުރެވެ. މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު ބަޑިޖަހައި ކުރިއަށް ދިޔައީ އެ ދުވަސްވަރެވެ.

މިހާރުގެ ހާލަތަށް ބަލާއިރު މަސްތުވާތަކެތި ބޭނުން ކުރާ 7500 މީހުން ރާއްޖޭގައި އުޅެ އެވެ. މިއީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ސަރުކާރާ ގުޅިގެން ކުރި ދިރާސާއިން ދައްކާ ރަސްމީ ނަތީޖާ އެވެ. އެކަމަކު ތަޖުރިބާކާރުން މުޅިއަކުން މިއަދަދުތަކާ އެއްބަހެއް ނުވެ އެވެ.

"ސާވޭގެ ނަތީޖާ އަޅުގަނޑު މުޅިއަކުން ގަބޫލެއް ނުކުރަން. އަޅުގަނޑަށް ގަބޫލު ކުރެވޭ ގާތްގަނޑަކަށް 60 ޕަސެންޓް ޒުވާނުން ކޮންމެވެސް ބާވަތެއްގެ މަސްތެއްވާނެކަން މާލެއަށް ބަލައިފި ކަމަށްވާ ނަމަ،" ޖާނީ ޖަމިއްޔާގެ އިސް ފަރާތެއް ކަމަށްވާ މުހައްމަދު ރަޝީދު (ރާޑޯ) ވިދާޅުވި އެވެ.

ޔޫއެންއޯޑީސީގެ ރިިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މީހުން މަސްތުވުމަށް އެންމެ ގިނައިން ބޭނުން ކުރަނީ ހަޝިޝް އޮއިލް ނުވަތަ ތެޔޮ ނުވަތަ ތެޔޮ ބިޑި އެވެ.

"ރެސްޓޯރަންޓުތަކުގައި ވެސް ޑްރަގްސް ބޭނުން ކުރޭ. ބައެއް މާލޭގައި ހިނގާލާ އިރު ވެސް އެބަ ދުވާ ތެޔޮ ބިޑި ވަސް. އެހާވެސް އާންމު ކަމަކަށްވެފައި މިއޮތީ،" ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ކުރީގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޕަސެންޓޭޖު މައްޗަށް މިހާރު މިއޮތީ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ މައްޗަށް ގޮހެވެ. މަސްތުވުމަށް ހަޝިޝް އޮއިލް ބޭނުން ކުރާ މީހުން މާ ބޮޑަށް ވެސް ގިނަވީ އެވެ. ލުބްނާ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އެހެން ފަރާތްތަކުން ވެސް ވިދާޅުވާ ގޮތުން ތެޔޮ ބޭނުން ކުރުން މިހާ އާންމުވެފައި ވަނީ ތެލާ މެދު ލިބިފައިވާ ނުބައި މައުލޫމާތެވެ.

"ޑްރަގްސް ކެޓަގަރައިޒް ކުރާއިރު ހެރޮއިން ނުވަތަ ހަކުރާ ތެޔޮ ތަފާތޭ ބުނަނީ ތެލުން ކުރާ އަސަރު ނުފެންނާތީ. ހަކުރު ބޭނުން ކުރާ ނަމަ އެއިން ނުކުންނަ ޖިސްމާނީ ކަންކަން ފެންނަން ހުރޭ. ސިކުވާތަން އެބަ ފެނޭ. ތެލުން މިވާ ގޮތަކީ ޖިސްމާނީ ވިތުޑްރޯވަލް ނޫނީވިއްޔާ ޖިސްމާނީ ގޮތުން ލިބޭ ގެއްލުން ފެންނާން ނުހުންނަނީ. އެކަމަކު ތެލަކީ ސިކުނޑިއަށް ވަރަށް ބޮޑު އަސަރެއް ކުރުވާ އެއްޗެއް،" ކުރިން ވާހަކަ ދެއްކެވި ރާޑޯ ވިދާޅުވި އެވެ.

ތެލާމެދު ލިބިފައިވާ ގޯސް މައުލޫމާތުގެ ސަބަބުން ބައެއް ފަހަރު މައިންބަފައިން ވެސް ދަރިން ގޯސް މަގުން ދިއުމަށް އޮޅިގެން ނަމަވެސް ބާރު އެޅެ އެވެ.

"ބައެއް ބެލެނިވެރިން ވެސް އަޅުގަނޑުމެން ކައިރި ބުނޭ ތިމަންނާގެ ދަރިފުޅު މިހާރު ހަކުރެއް ނުބޮޔޭ. ތެޔޮކޮޅެއް ބޭނުންކޮށްލައިގެން ހުންނަނީ އޭ،" ޖާނީގެ ސީއީއޯ މުހައްމަދު ޝުއައިބު ވިދާޅުވި އެވެ.

މަސްތުވުން ކިތަންމެ އާންމުވި ނަމަވެސް މިކަން ހުއްޓުވޭނެ ގޮތެއް ވެސް އޮންނާނެ އެވެ. ތަޖުރިބާ ކާރުންގެ ލަފާ ދެނީ ދެ ކަމެއް ކުރުމަށެވެ. ފުރަތަމަ ކަމަކީ ރިހެބިލިޓޭޝަން ފަރުވާ އެވެ.

"ރިހެބިލިޓޭޝަން ފަރުވާ ވީހާ ވެސް ބޮޑަކަށް ވީހާ ވެސް ގިނަ މީހުންނަށް ދޭންވީ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވެސް އަލުން މުޖްތަމައާ ގުޅުވަންވީ. ވަޒީފާއެއް ލިބެންދެން މި މީހުންނަށް އެހީވާން އެބަޖެހޭ. އެއިރުން މި މައްސަލައަށް ހައްލު ފެންނާނެ ކަމަށް ފެނޭ،" ކުރިން ވާހަކަ ދެއްކެވި ލުބްނާ ވިދާޅުވި އެވެ.

ދެ ވަނަ ކަމަކީ ހޭލުންތެރިކަން އިތުރު ކުރުމެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ތެލާ ބެހޭ ގޮތުން ގޯސް މައުލޫމާތު ދޭން ވެސް ބަޔަކު މަސައްކަތް ކުރާ ކަމަށް. އެހެންވީމާ މީހުން ހޭލުންތެރި ކުރަންވީ. މަސްތުވާތަކެއްޗާ ބެހޭ އެންމެ ރަނގަޅު މައުލޫމާތު ދޭންވީ ހަމަ،" ޖާނީގެ ރާޑޯ ވިދާޅުވި އެވެ.

ފުރަތަމަ އަފިހުނެވެ. ދެން ހަކުރެވެ. މިހާރު ތެޔޮ ބިޑި އެވެ. ކުރިއަށް އޮތް ތަނުގައި އެލްއެސްޑީ ފަދަ ސިކުނޑިއާ ކުޅެލާ މާ ބާރުގަދަ ތަކެތި ހެއްޔެވެ؟ އެހެންވިޔަ ނުދޭން މަސައްކަތް ކުރަންޖެހެ އެވެ. އެކަން ކުރާންވީ މިހާރު އެވެ. ނޫން ނަމަ މީގެ 50 އަހަރު ފަހުން މުޅި ގައުމު އޮންނާނީ މަސްތުގެ ހާލަތުގަ އެވެ.