މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫ ސިޓީގެ މަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން ދުވަސްވީމީހާ އަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާ ލިބުނު ސ. މަރަދޫ ކާނޭޝަންގޭ އުމުރުން 69 އަހަރުގެ ހަސަން ނަސީރު މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އެކްސިޑެޓުވުމުގެ ސަބަބުން ހަސަން ނަސީރުގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އިތުރު ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މަރަދޫން ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ނަސީރު ސައިކަލްގައި ގެއަށް ވަންނަނިކޮށް ހިތަދޫއާވީކޮޅަށް ބާރުސްޕީޑުގައި ދިޔަ ސައިކަލެއްގައި ޖެހިކަމަށެވެ.

ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލްގައި އިން ޒުވާނާ އަށް ކުދިކުދި އަނިޔާވި ކަމަށާއި އެހެންނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މަރަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.