އިންޑިއާގެ އިސްލާމީ ޔުނިވަސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލު ކުރަން ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ހަތަރު އޮފިޝަލަކު މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން މައުލޫމަތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓަރަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ފުރަތަމަ ޑިގްރީ ހަދާފައި ތިބި ބޭފުޅުންނަށް އިންޑިއާގެ އިސްލާމީ ޔުނިވަސިޓީތަކުން މަތީ ތައުލީމް ހާސިލު ކުރަން ފުރުސަތުތައް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށް އިޖާބަ ދެއްވާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށެވެ.

މިނިސްޓަރުގެ އެދަތުރުފުޅުގައި ތިން ޔުނިވަސިޓީއަކަށް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެދަތުރުގައި އިންޑިއާގެ ނައިބުރައީސް ޑރ. ހާމިދު އަންސާރީއާ ބައްދަލު ކުރައްވައި މިނިސްޓްރީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހަރުކަށި އުސޫލުތަކަށް ރާއްޖޭގައި ޖާގަ ނުދޭ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހަށް އިންޑިއާއިން އިމާމުން ރާއްޖެ ގެނައުމާއި ބެހޭ ގޮތުންނާއި އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ރާއްޖޭގައި މިނިސްކިތްތައް ބިނާކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރުގެ އެ ދަތުރުފުޅުގެ ހަރަދުގެ ބޮޑުބައި ހަމަޖައްސާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.