އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ގުރާކޮށި ހަލާކުކޮށްލައިގެން ގުރަޔަކާ ލަވްބާޑެއް ވަގަށް ނެގި މީހަކު ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާން ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ، ހަވާސް، އިބްރާހީމް މުޝްތާގުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ޕީޖީ އޮފީހުން އިސްތިއުނާފު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، މުޝްތާގު ގުރާތައް ކޮއްޓަކަށް ލައިގެން ފޮރުވަނިކޮށް ފެނިފައިވާކަމަށް ހިތަދޫ ކޯޓުގައި މީހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ ކުށަށް އިއުތިރާފުވެ ގުރާތައް ފޮރުވާފައިވާ ތަން ކިޔައިދިން ކަމަށާއި ފުލުހުން އެތަނަށް ގޮސް ޗެކްކުރި އިރު އެ ގުރާތައް ފެނިފައިވާ ކަމަށް ހެކިބަސް ދިން ފުލުހުންގެ ބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމް ގައި ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.