20 Apr 2014, 22:31
ހިރިޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަލްމަރުހޫމް އަލީ ނާޒިމްގެ ހަދާނުގައި ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ވިލިމާލޭ މުހިއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ މައިލޯ އިންޓަ ހައުސް ކްރިކެޓް މުބާރާތުގެ ޖޫނިޔާ ޗެމްޕިއަން މައްޔާ ހައުސް ހޯދިއިރު ސީނިއާ ޗެމްޕިއަންކަން ހުންގާނު ހައުސް އިން ހޯދައިފި އެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމުބާރާތުގެ ޖޫނިއާ އަދި ސީނިއާގެ ވެސް ފައިނަލްގައި ބައްދަލުކުރީ ހުންގާނު ހައުސް އާއި މައްޔާ ހައުސްއެވެ. ޖޫނިއާ ޓީމް ޓޮސް ދިމާވެގެން ހުންގާނު ހައުސް ކުޅެންއަރައި 10 އޯވަރުގެތެރޭގައި 52 ލަނޑުހެދި އެވެ. ޖަވާބުގައި މައްޔާ ހައުސް ކުޅެންއަރައި 10 އޯވަރުގެތެރޭގައި 53 ލަނޑު ހަދާ މެޗް ކާމިޔާބު ކުރި އެވެ.
ސީނިއާ ފައިނަލްގައި ފުރަތަމަ މައްޔާ ކުޅެންއަރައި 12 އޯވަރުގެތެރޭގައި 71 ލަނޑުހެދިއެވެ. ޖަވާބުގައި ހުންގާނުކުޅެންއަރައި 11ވަނަ އޯވަރުގައި 72 ލަނޑުހަދާ މެޗް ކާމިޔާބުކުރި އެވެ.
މިމުބާރާތުގެ ޖޫނިއާ ބައިގެ އެންމެ މޮޅު ކުޅުންތެރިނަށް ހޮވިފައި ވަނީ މައްޔާ ހައުސްގެ ސާފިއު އާއި ފަރުމާން ހައުސްގެ ލުފްޝާން އާއި ހުންގާން ހައުސްގެ މާއިޒް އަދި ދައްމާން ހައުސްގެ ރަސަމް އެވެ.
މުބާރާތުގެ ޖޫނިއާ އެންމެ މޮޅު އުކުންތެރިނަށް ހޮވިފައި ވަނީ މައްޔާ ހައުސްގެ މާއިޒް އާއި ފަރުމާން ހައުސްގެ އުރުސިން އާއި ހުންގާން ހައުސްގެ ޒަހުވާން އަދި ދައްމާން ހައުސްގެ ސައްމާއު އެވެ.
ސީނިއާ އެންމެ މޮޅު ކުޅުންތެރިނަށް ހޮވިފައި ވަނީ، މައްޔާ ހައުސްގެ ފާއިގް އާއި ފަރުމާން ހައުސްގެ އާސިދް އާއި ހުންގާނު ހައުސްގެ ވިފާގް އަދި ދައްމާން ހައުސްގެ ރިސްވާންއެވެ. އަދި ޖޫނިއާ އެންމެ މޮޅު އުކުންތެރިން ހޮވުނީ މައްޔާ ހައުސްގެ އާދަމް ނާސިފް އާއި މައްޔާ ހައުސް ސާޒްލީ އާއި ފަރުމާން ހައުސް ލިތޯފް އާއި ހުންގާނު ހައުސް ޔައިސް އަދި ދައްމާން ހައުސް ރިސްވާނެވެ.
މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދެއްވީ މުހިއްދީން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުއާއި، އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓް ބޭފުޅުންނާއި އަދި އޭސީސީގެ ކަންޓްރީ ޑެވެލޮޕްމަންޓް އޮފިސާ މިސްޓަ ވެންކަޓަ ޕަތީރާޖޫއެވެ.