20 Apr 2014, 21:55
މަސްތުވާތަކެތި ބޭނުންކޮށްގެން ވ. އަންބާރާގައި "ޕާޓީކުރި" މައްސަލައިގައި ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ރޭވުމުގެ ދަށުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި އެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދުގެ އެ އަމަލަކީ ޕީޕީއެމްގެ ޒުވާނުންގެ މެނިފެސްޓޯގައިވާ ކަންތައް ފުރިހަމަ ކުރުމަށް އަދީބު ކުރައްވަމުން އަންނަ މަސައްކަތް ހުއްޓުވުމަށް ކުރައްވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ބުނެފައި ވަނީ ނަޝީދުގެ އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މި ސަރުކާރާއި އަދި ޓޫރިޒަމް މިނިސްޓަރު އަދީވބު ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުން ހުއްޓާލެއްވުމަށް ޕީޕީއެމުން ވަނީ ނަޝީދަށް ގޮވާލާފަ އެވެ.
އެމްޑީޕީން ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އިރު ކަންކަމުގެ ހަގީގަތް އޮޅުވާނުލައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުމަށް ޕީޕީއެމުން ވަނީ އެމްޑީޕީ އަށް ގޮވާލާފަ އެވެ.