ވ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ އަންބަރާގައި ގިނަ ބަޔަކު އެއްވެގެން މަސްތުވާތަކެތި ބޭނުންކޮށް، ޕާޓީކުރި މައްސަލައަކާ ގުޅިގެން ފުލުހުން 79 މީހަކު ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ހައްގު ކޮމެޓީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްޔަރުކުރުމާއި ބަންދުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ހުރި ތަފާތު ބަޔާންކޮށް އެއިން ކޮންމެ ކަމަކަށް އޮންނަ އުސޫލުތައް ވަކި ގަވާއިދެއްގައި ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ޕާޓީ ކުރި މީހުން ހައްޔަރު ކުރުމުގައި އެ ގަވާއިދަށް ފުލުހުން އަމަލުކޮށްފައިނުވާ ކަމަށެވެ.

މީހަކު ހައްޔަރު ކުރެވިއްޖެނަމަ ހައްޔަރު ކުރި ސަބަބު ވަގުތުން އެމީހަކަށް އަންގައި އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް އެމީހަކަށް އަންގަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ނަމަވެސް ޕާޓީކުރި މީހުން ހައްޔަރު ކުރިއިރު އެ އުސޫލަށް އަމަލުކޮށްފައިނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕާޓީކުރި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ކަމާބެހޭ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.