20 Apr 2014, 21:13
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތަކުގައި ބައިވެރިވުމަށް ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) މިރޭ މާލެ އަތުވެއްޖެ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫހް ވިދާޅުވީ، ދަނގަޑޭ މާލެއައީ މީގެކުޑައިރުކޮޅެއް ކުރިން ސްރީލަންކަން އެއާލައިނުން ކަމަށާއި މިރޭ ދަނގަޑޭއާ ބައްދަލުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާދަމާ އޮންނަ ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ދަނގަޑޭ ބައިވެރިވާނެކަން މުޅިން ޔަގީން ވާނީ މިރޭގެ ބައްދަލުވުމަށްފަހު ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
ދަގަނޑޭ މިހާރު ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރުއެމް ޗެލެންޖް ކަޕަށް އޭނާ ދޫކޮށްފައި ވަނީ މިދިޔަ ހަފްތާގެ ފަހު ކޮޅު ދަނގަޑޭގެ ރިލީޒް ހޯދުމަށް ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހުލޫފް އާއި އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ޕީޑީއާރުއެމްގެ ކޯޗާ ބައްދަލުކޮށް މަސްވަރާ ކުރުމަފަހުއެވެ.
ފީފާ ގަވާއިދު ބުނާ ގޮތުން ކްލަބުން ކުޅުންތެރިޔާ ގައުމީ ޓީމުގެ މުބާރާތަކަށް ދޫކުރަން މަޖުބޫރުވާނީ މުބާރާތް ފެށުމުގެ 14 ދުވަސް ކުރިންނެވެ. ނަމަވެސް އޭގެ ކުރިން ދޫކުރުމުގެ އިހުތިޔާރު ކްލަބަށް އޮވެ އެވެ.
ޗެލެންޖް ކަޕް ފެށެން 29 ދުވަހަށް ވެފައިވާއިރު ދިވެހި ގައުމީ ޓީމުގެ ފަރިތަކުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިފަހަރުގެ ޗެލެންޖްކަޕަށް ގައުމީ ޓީމުން ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފައެވެ.
ޗެލެންޖް ކަޕަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި ނިއުރޭޑިއަންޓުގެ 13 ކުޅުންތެރިންގެ އިތުރުން، ކްލަބް އީގަލްސް ގެ ފަސް ކުޅުންތެރިންނާއި ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.