ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީގެ ސަބަބުން ބްރޯޑްކާސްޓަރުންނަށް، އެމީހުން ދެމުންދާ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހަރަދު ކުޑަ ގޮތަކަށް ފޯރުކޮށްދެވޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.

ޖަޕާނުން ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީ ސިސްޓަމެއް ރާއްޖޭގައި ގާއިމްކޮށްދޭން ނިންމުމާއި ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި، ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެގައި ޝަހީބް ވިދާޅުވީ، 20 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން ޓެރެސްޓްރިއަލް (އައިއެސްޑީބީޓީ) ސިސްޓަމެއް ރާއްޖޭގައި ގާއިމް ކުރެވުމުން ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލެވި ގިނަ ޗެނެލްތަކެއް ޓެރަސްޓްރިއަލްކޮށް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

"އެ ސިސްޓަމަކީ (އައިއެސްޑީބީޓީ) އަކީ ބްރޯޑްކާސްޓިން ފަދަ ހަރަދު ބޮޑު ސިނާއަތެއް ފުޅާކޮށް ދެމެހެއްޓުމަށްޓަކައި މި ސިނާއަތުގެ ހިއްސާދާރުން ކަމުގައިވާ ބްރޯޑްކާސްޓަރުންނަށް އެ މީހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަރަށް ހަރަދު ކުޑަ ގޮަތަކަށް ފޯރުވައިދިނުމަށް ހުޅުވިގެންދާނޭ ރަނުގެ ފުރުސަތެއް،" އެ ނޫސް ބަޔާނުގައި ވެއެވެ.

އެގޮތުން ޖަޕާނުން ރާއްޖެއަށް ދޭން ނިންމެވި އެ ދީލަތި އެހީއަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށާއި ޖަޕާނު ސަރުކާރާ އެކަމާބެހޭގޮތުން މަޝްވަރާކޮށް އެކަން ފަހިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި މަސައްކަތަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންގެ ނަމުގައި ޝަހީބް ވަނީ އެ ބަޔާނުގައި ޝުކުރު އަދާކުރައްވާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ، އައިއެސްޑީބީޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްކުރުމަށް ޖަޕާނުގެ އިސްނެގުމުގެ މަތިން 2007 ވަނަ އަހަރުން ފެށިގެން މަޝްވަރާކޮށް މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި އެގައުމުގެ މައިގަނޑު ޝަރުތަކަށް ވެފައި އޮތީ އައިއެސްޑީބީޓީ ސިސްޓަމަކީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރެވޭނެ ގައުމީ ސްޓޭންޑަޑު ކަމުގައި އެންޑޯޒްކުރުން ކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދަށް އައުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކި ފެންވަރުގައި އެކި ފަހަރުމަތިން އެ ކޮމިޝަނާ ވެސް ބައްދަލުކޮށް، އެ ކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ނަމަވެސް އެ ކޮމިޝަންގެ އެންމެ ފުރަތަމަ ވެސް ސިޔާސަތަކަށް ވެފައި އޮތީ، 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދިފައިވާ ޕްރައިވެޓް ބްރޯޑްކާސްޓަރުން ވެސް ހިމެނިގެން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް މަންފާ ލިބިދޭ ގޮތަކަށް ނޫން ގޮތަކަށް ބްރޯޑްކާސްޓްކުރެވޭނެ ގައުމީ ސްޓޭންޑަޑެއް ރާއްޖެއިން އެންޑޯޒް ނުކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ، ޑިޖިޓަލް ބްރޯޑްކާސްޓިން އަށް ހިޖުރަކުރުމާ ބެހޭ ނެޝަނަލް ރޯޑްމެޕް ޓީމެއް 2012 ވަނަ އަހަރު އުފައްދައި، އެ ޓީމްގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގެ އެހީގައި ރޯޑް މެޕެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ރޯޑްމެޕްގައި، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ބްރޯޑްކާސްޓަރުންނަށް ވެސް މަންފާ ކުރަނިވި ގޮތަކަށް ޑިޖިޓަލް ބްރޯޑްކާސްޓިން ނެޝަނަލް ނެޓްވޯކެއް ހެދުމަށާއި ރާއްޖޭގައި އެންޑޯޒްކުރެވޭ ޓެކްނޯލޮޖީ އަކީ މި ނެޓްވޯކްގެ ތެރެއިން ހުރިހާ ބްރޯޑްކާސްޓަރުންނަށް ވެސް ރައިޑް ކުރެވޭނޭ ފަދަ ނެޓްވޯކެއް ކަމުގައި ވާންޖެހޭނޭ ކަމަށް ބުނެފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ، ޖަޕާނުގެ އައިއެސްޑީބީޓީ ޓެކްނޯލޮޖީ ސިސްޓަމަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރާނެ ގައުމީ ސްޓޭންޑަޑު ކަމަށް ލާޒިމުކުރާ ކަމުގައި ވާނަމަ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކަމުގެ މަންފާ ހަމަހަމަ ގޮތެއްގައި ލިބިދެނިވި ގޮތަކަށް ހެދުމަށް ސަރުކާރަށް ލަދާފީފައިވާ ކަމަށެވެ.

މީގެ އިތުރުން މުޅި ރާއްޖެއަށް ހިދުމަތް ދެވޭ ގޮތަށް އެ ފަދަ ޑިޖިޓަލް ނެޓްވޯކެއް ގާއިމްކުރުމާއި މީހުން ތަމްރީނުކުރުމާއި އާންމު ރައްޔިތުން އަހުލުވެރިކުރުވުމާ ގުޅޭ ހުރިހާ ހަރަދުތައް ލިބޭނޭ ފަދަ ގޮތަކަށް ޝަރުތުކުރަން ފެންނަ ކަމަށް ވެސް ސަރުކާރަށް ލަފާދީފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.