މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ބާވަތެއް ކަމަށްވާ އެލްއެސްޑީ ރާއްޖެއިން ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ވ. އަންބަރާގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީ ކުރި މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެންސްގައެވެ.

" މީގެ ކުރިން އަޅުގަނޑުމެން އަޑު އަހަނީ އެލްއެސްޑީ މިކިޔާ ބާވަތުގެ މަސްތުވާތަކެތި ގެންގުޅޭ ކަމަށް. އެހެން ނަމަވެސް މިއޮޕަރޭޝަންގައި ގިނަ އަދަދެއްގެ އެބާވަތުގެ، އެއީ އެލްއެސްޑީ ކަމަށް ބެލެވޭ ސްޓިކާ ތަކެއް އަޅުގަނޑުމެންނަށް ފެނިފައި ވަނީ. އެކަން އަޅުގަނޑު ފާހަގަކޮށްލަން، " މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވިދާޅުވިއެވެ.

ވ. އަންބަރާގައި މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ވަނީ ހުކުރުދުވަހުގެ ރޭ އެރަށުން 79 މީހުން ހައްޔަރު ކޮށްފައެވެ. އަދި އެހުރިހާ އެންމެން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ކަމަށް ޝަތީހު މިއަދު ވިދާޅުވިއެވެ.

"... މިމައްސަލާގައި އަޅުގަނޑުމެން 198 މީހުން ބަލައި ފާސްކުރި ނަމަވެސް، މިމައްސަލައިގައި އެމީހެއްގެ އަތުންނާއި އެމީހަކު ގެންގުޅުނު ތަކެއްޗާ އަދި އެމީހުން ތިބި ތަންތަނުން މަސްތުވާތަކެތި ފެނުނުމީހުން ފިޔަވައި ބާކީ ތިބި 119 މީހުން އެވަގުތު އަޅުގަނޑުމެން ވަނީ ދޫކޮށްލާފައި،" ޝަތީހު ވިދާޅުވި އެވެ.