ދިރާގުން ހަތް އަހަރުވަންދެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑްރޭސް" މިއަހަރު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސަސް (އެއިމްސް) އާއި ގުޅިގެން އިންޓަނޭޝަނަލް ރޭހެއްގެ ގޮތުގައި ބާއްވަން ނިންމައިފިއެވެ.

ރޯޑް ރޭހާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، އެ ރޭސް ކުރިން ބާއްވަމުން އައީ ފަސް ކިލޯމީޓަރަށް ކަމުގައި ވިޔަސް މިހާރު އެ ރޭސް އެއިމްސް ގައި ރަޖިސްޓަރވެ އެންޑޯޒް ކުރެވިފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ ރޭހަކީ އިންޓަރނޭޝަނަލް ރޭހެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގު ރޯޑްރޭހަކީ މިހާރު އެތައް ބައެއްގެ ފުރިހަމަ ތަރުހީބު ލިބިފައިވާ ރޭހެއް ކަމަށާއި ބޭރުގެ އެކިއެކި ފަރާތްތަކުންވެސް ރޭހުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ އެފަރާތްތަކަށްވެސް ރޯޑްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިފަހަރުގެ ރޯޑްރޭސް އިންޓަނޭޝަނަލް ރޭހެއްގެ ގޮތުގައި ބާއްވަން ނިންމެވީކަމަށް މިރުޝާން ވިދާޅުވިއެވެ.

ދިރާގުގެ މިއަހަރުގެ ރޯޑްރޭސް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ޖުމްލަ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔަކާއި 10 ކިލޯމީޓަރުގެ ބައެކެވެ. އެގޮތުން ފަސް ކިލޯމީޓަރުގެ ބައި ހަތަރު ކެޓަގަރީއަކަށް ބަހާލާފައި ވާއިރު 10 ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވެނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އަދި ފަސް ކިލޯމީޓަރުގެ ބައިން ދެ ކެޓަގަރީއަކުން އެއްވަނައަށް ދާ ފަރާތަކަށް 6000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައި ވާއިރު އެހެން ކެޓަގަރީތަކުންވެސް ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ދިނުމަށް ވަނީ ނިންމާފައެވެ.

ތީމެއްގެ ގޮތުގައި "ހެލްޕް ޕްރޮޓެކްޓް ޗިލްރަން" ހަމަޖައްސާފައިވާ ރޯޑް ރޭސް ޖޫންމަހުގެ ހަވަނަ ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބާއްވާއިރު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ދިރާގު ރޯޑް ރޭހަށް ހާއްސަކޮށްގެން ތައްޔާރު ކޮއްފައިވާ ވެބްސައިޓްww.bbrr.mvއަށް ޒިޔާރަތްކޮށްލުމުން ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށާއި އެ ވެބްސައިޓް މެދުވެރިކޮށް ރޭހުގައި ބައިވެރި ވެވޭނެކަމަށް ވެސް ދިރާގުން ބުންޏެވެ.