ވ. އަންބާރާގައި ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި 79 މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އަންބަރާގައި ހިންގި އޮޕަރޭޝަނާ ބެހޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.

"... މިމައްސަލައާ ގުޅިގެން އެރަށުން ހައްޔަރުކުރީ 79 މީހުންކަން ފާހަގަކޮށްލަން. މި 79 މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން އަދި 18 އަހަރުން ދަށުގެ އެއް ކުއްޖަކު ހިމެނޭކަން ފާހަގަކޮށްލަން. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ބިދޭސީ އެކަކު ހިމެނޭކަން ފާހަގަކޮށްލަން. އަޅުގަނޑުމެން މިހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 79 މީހުންގެ ޔޫރިން ޓެސްޓްކުރި އިރު އެމީހުންގެ ޔޫރިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައި،" ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ އެމީހުންގެ އަތުންނާއި އެމީހުން ގެންގުޅުނު ތަކެތިންނާއި ތިބި ތަނުން، މަސްތުވާތަކެތި ފެނުނު މީހުން އެކަނި ކަމަށެވެ. އެނޫން މީހުން އެވަގުތު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... މިމައްސަލާގައި އަޅުގަނޑުމެން 198 މީހުން ބަލައި ފާސްކުރި ނަމަވެސް، މިމައްސަލައިގައި އެމީހެއްގެ އަތުންނާއި އެމީހަކު ގެންގުޅުނު ތަކެއްޗާ އަދި އެމީހުން ތިބި ތަންތަނުން މަސްތުވާތަކެތި ފެނުނުމީހުން ފިޔަވައި ބާކީ ތިބި 119 މީހުން އެވަގުތު އަޅުގަނޑުމެން ވަނީ ދޫކޮށްލާފައި،" ޝަތީހު ވިދާޅުވި އެވެ.

އަންބަރާގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ޝަތީރު ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ތެރޭގައި މަނާބޭސް ކަމަށް ބެލެވޭ ގުޅަތަކަކާއި އެލްއެސްޑީ ކަމަށް ބެލެވޭ ސްޓިކާ ތަކަކާއި ބަނގުރާ ކަމަށް ބެލެވޭ ދަޅުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި ކެނަބިސްގެ ބާވަތެއް ކަމަށްވާ ބޫލެޓް ސައިޒްގެ ރަބަރު ޕެކެޓްތަކަކާއި ހަމަ އެބާވަތް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅުތަކަކާއި މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްގެން ހަދާފައިވާ ތެޔޮބިޑިތަކަކާއި މަސްތުވާތެކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައާ ގުޅިގެން 90000 އަށް ވުރެ ގިނަ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް ވިދާޅުވި އެވެ.

އަންބަރާގައި ހިންގި އޮޕަރޭޝަން ހިންގުމަށް ފުލުހުން އެރަށަށް އެރީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ކަމަށް ޝަތީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި ކަމަށެވެ.

* ވ. އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ވީޑިއޯ