20 Apr 2014, 17:44
ދިވެހިންނަކީ އަބަދަވެސް ސާފުތާހިރު ދިރިއުޅުމަކަށް ލޯބިކުރާ ބައެކެވެ. އެންމެ އާދައިގެ އާއިލާތަކުން ފެށިގެން އެންމެ މުއްސަނދި އާއިލާތަކާ ޖެހެންދެން ވެސް، ކޮންމެ ބަޔަކު ވެސް އެބައެއްގެ ފެންވަރުން، އެބަޔަކު ދިރިއުޅޭ ތަންތަން ރީތިކޮށް ބަހެއްޓުމަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިއްމު ބައެކެވެ.
ހެންވޭރުގައި ޕީޖީ އޮފީސް ކުރިމައްޗަށް ވާގޮތަށް، މަޖީދީމަގުގައި ހުންނަ، "އީވޯ ހޯމް" އަކީ މީގެ ބަރާބަރު އެއް އަހަރު ކުރިން، 20 އޭޕްރީލް 2013 ގައި ދިވެހިންނަށް ހާއްސަކޮށްގެން، ކަސްޓަމަރުން އެދޭފަދަ ގޮތަކަށް، ގޭތެރެއާއި ބަދިގެ އާއި ސިޓިންރޫމް އަދި ފާހާނަ އާއި ޖުމުލަކޮށް މުޅި ދިރިއުޅޭ ތަނުގެ ފަރުމާ އާއި ފަރުނީޗަރާއި ގެންގުޅޭ ތަކެއްޗަށް ދަންދެން އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެކެވެ.
އީވޯ ހޯމް އިން 365 ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބާއި އެ ފިހާރައިގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބާއި ކަސްޓަމަރުން އެ ފިހާރައިން ފޯރުކޮށްދޭ މުދަލާއި ހިދުމަތް ބަލައިގަތް ގޮތުގެ ވާހަކަތައް "ސަން"އާ ހިއްސާ ކުރީ ފިހާރައިގެ މެނޭޖަރ ސޭލްސް އެންޑް މާކެޓިން ރިޒްމާ ރަޝީދު (ރިޒޫ) އެވެ.
"މިއީ މި ފިހާރައިގެ ވެރިފަރާތުން ދިވެހިންނަށް ރަނގަޅު ފެންވަރުގެ ރަނގަޅު ކޮލިޓީގެ ޕްރޮޑަކްޓްސް ތަކެއް ފޯރުކޮށްދިނުމަށް އުފެދުނު ޝައުގުވެރިކަމެއްގައި ފެށި ވިޔަފާރިއެއް،" ރިޒޫ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މި ފިހާރައިގެ މަގުސަދަކީ، ކޮލިޓީ ރަނގަޅު، ޔޫރަޕުގެ އުފެއްދުންތައް، ބައްލަވައި ގަނެވޭ ފަދަ އަގުތަކެއްގައި ދިވެހިންނަށް ފޯރުކޮށްދިނުން."
ފިހާރައިގެ މެނޭޖަރު ވިދާޅުވި ފަދައިން އީވޯ ހޯމްގެ ކޮންމެ ދިމާއަކަށް ނަޒަރުހިންގާލިޔަސް ފެންނަނީ ވިލާތުގެ ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ. މައިގަނޑު ގޮތެއްގައި ޖަރުމަނު ވިލާތުގެ އުފެއްދުންތައް ހުރިއިރު އެތަނުގައި އިޓަލީ، ސްޕެއިން އަދި ޕޯޗްގަލްގެ އުފެއްދުންތައް ވެސް ހުއްޓެވެ. ރިޒޫ ވިދާޅުވިގޮތުގައި އީވޯ ހޯމް އިން ގޭތެރޭގެ ދިރިއުޅުމަށް ބޭނުންވާ ވިލާތުގެ ހުރިހާ ސާމާނެއް ލިބޭނެ އެވެ. އެއީ "ޓޯޓަލް ހޯމް ސޮލިއުޝަން" އެކެވެ.
"މިތަނުން ލިބެން ހުންނާނެ، ބަދިގޭގެ ސާމާނު، ގޭތެރެއަށް ބޭނުންވާ ސާމާނު، ފާހާނާއަށް ބޭނުންވާ ފަރުނީޗަރު، ތަޅުމުގައި އަޅާތަކެތި، ތަށިމުށި، ހީޓާރސް، އޭސީ، ޓީވީ މިގޮތަށް ގޮސް ގެއަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް މިފިހާރައިން ލިބެން ހުންނާނެ،" ފިހާރައިން ލިބެންހުރި ބައެއް ބާވަތްތަކުގެ މުދާތައް ރިޒޫ ކިޔައިދެއްވި އެވެ. "ދެން އަޅުގަނޑުމެންނަށް އެންމެ މުހިއްމު ކަމަކަށް މިވަނީ، ކަސްޓަމަރަކު ގެއަކަށް ބޭނުންވެލައްވާ ހުރިހާ ކަމެއް އެއްތަނަކުން ފޯރުކޮށްދިނުން."
އީވޯ ހޯމްގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ހޮވާލެވޭ ޕްރޮޑަކްޓްސް ތަކަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ އިރު، ބަދިގެއާއި ގޭތެރެއާއި ނިދާކޮޓަރިން ފެށިގެން ގޯތިތެރެ ފަޅުފިލުވައިލުމަށް ވެސް ވިލާތުގެ ފެންވަރު ރަނގަޅު އުފެއްދުންތައް ހެޔޮ އަގެއްގައި ލިބިގެންދާނެ މިއީ ރަނުގެ ފުރުސަތެކެވެ.
އެންމެ ފެންވަރު ރަނގަޅު ބަދިގެއަކަށް "ނޮލްޓޭ ކިޗަން"، އަދި މެދުފަންތީގެ ބަދިގެތަކަށް ހާއްސަކޮށްފައިވާ "އެކްސްޕްރެސް ކިޗަން" ޕްރޮޑަކްޓްސް ތަކަކީ، ރީތި އަދި އެހާމެ ހިތްގައިމު، އެތަކޭތީގެ ބޭނުން ހިފުމުގެ ނަސީބު ލިބޭ ފަރާތްތަކަށް އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭނެ ކަމުގެ ސައްތައިންސައްތަ ޔަގީން އުފެއްދުންތަކެވެ. އަދި މިނޫން ވެސް ވިލާތު ބަދިގެއެއްގެ ފަރުނީޗަރާއި ތެލިތަށި ސަމުސާ އުނދުޅި އާއި ހިފައިގެންގުޅޭ ސާމާނުތަކަކީ އޭގެ ފެންވަރާއި ފަންވަރު ބަލައިނުލައި ދޫކޮށްލާ ވަރުގެ ތަކެއްޗެއް ނޫންކަން ޔަގީނެވެ.
އީވޯ ހޯމް އިން މިތަކެތި ހަމައެކަނި ވިއްކާލާފައި ފުއްދާލަނީކީ ނޫނެވެ. މުދަލާއެކު ކަސްޓަމަރުން ހިތްހަމަޖޭހޭ ފަދަ ގޮތަކަށް ގެދޮރުގެ އެތެރޭގެ ރީތިކަން ފަރުމާ ކުރުން ވެސް ހިމެނެއެވެ. އަދި އީވޯ އިން ފޯރުކޮށްދޭ "އިންޓީރީއާ ޑިޒައިން"ގެ ހިދުމަތަކީ އެ ފިހާރައިގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ. އެގޮތުން އެ ފިހާރައިގެ ކަސްޓަމަރުން ބޭނުންވާ "ޑްރީމް ކިޗަން" އެއް ފަރުމާކޮށްލުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ.
"ކްލަޔަންޓް ބޭނުންވާ ބަޖެޓެއް ދިނީމަ، އެ ބަޖެޓަކަށް، ބޭނުން ކުލައެއް ހިމަނައިގެން، ބޭނުން ޑިޒައިނަކަށް ކްލަޔަންޓް ބޭނުންވާ ގޮތަށް ބަދިގެ މި ތައްޔާރުކޮށްދެނީ. އަޅުގަނޑުމެންގެ އިންޓީރިއާ ޑިޒައިނަރުން އިމާރާތްތަކަށް ގޮސް، އެތަންތަނުގެ މިންތައް ނަގައި، ކްލަޔަންޓުން ބޭނުންވެލައްވާ ގޮތަކަށް މި ފަރުމާކޮށްދެނީ،" ރިޒޫ ވިދާޅުވި އެވެ. "ދެން ކްލަޔަންޓް އިހުތިޔާރުކުރަންވީ ބަޖެޓެއް ދީފަ މިސާލަކަށް 80،000ރ. ގެ ބަޖެޓަކަށޭ ބޭނުންވަނީ. އޭރުން އެބޭފުޅުން ބޭނުންވެލައްވާ ގޮތަކަށް. ބަދިގެތެރެ ޑިޒައިންކޮށް، އެތަނަށް އަޅުގަނޑުމެންގެ އުފެއްދުންތައް ފިޓްކޮށްގެން."
މިއީކީ ހަމައެކަނި "ޑްރީމް ކިޗަން" އެއްގެ ވާހަކައެއް ނޫނެވެ. އީވޯ ހޯމްގެ ކަސްޓަމަރުން ބޭނުން ނަމަ އެފިހާރައިގެ ކަސްޓަމަރުންގެ ގޭގެ ސިޓިންރޫމާއި، ބެޑްރޫމާއި، ބާތުރޫމާ ޖެހެންދެން ހުރިހާ ފަރުނީޗަރަކާއި އަދި އެތެރޭގެ ޑިޒައިންވެސް ކޮށްދޭނެ އެވެ. އެގޮތުން އެޕާޓްމަންޓު ތަކުގެ އެފަދަ ހުރިހާ ޑިޒައިންތަކެއް ހަދައިދީ، އެތަނަށް އެބޭފުޅަކު ބޭނުންވެލައްވާ ގޮތަކަށް ބޭނުންވެލައްވާ އަގުތަކެއްގައި ވިލާތުގެ ފެންވަރު ރަނގަޅު ބްރޭންޑްތައް ކަމަށްވާ އާރޓޭ-އެމް، ޝިއެސްމާ ފަދަ ބްރޭންޑްތަކުގެ ފަރުނީޗަރާއި އެހެނިހެން ސާމާނު ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ވެސް އީވޯ ހޯމްއިން ދެއެވެ.
ހިދުމަތުގެ 365 ދުވަސް ފަހުރުވެރިކަމާ އެކު މިއަދު ފާހަގަކުރަމުންދާ އީވޯ ހޯމްގެ މިހާރުގެ އަމާޒަކީ ފިހާރައިން މިހާރުދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، "ލައިޓްސް، ފްލޯރިން، ބާތްރޫމް ފަރނީޗަރ" އަށް ހާއްސަކޮށްގެން އާ ޝޯރޫމެއް ހުޅުވުމަށް ކަމަށް ރިޒޫ ވިދާޅުވި އެވެ.
އީވޯ ހޯމްގެ އަހަރީދުވަހާ ގުޅުވައިގެން އެ ފިހާރައިން ފަށާފައިވާ ތިން ދުވަހުގެ ޕްރޮމޯޝަން ތެރޭގައި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް، މުދަލާއި ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
"ޕްރޮމޯޝަން ކުރިއަށްދާ ތިންދުވަހު، މި ފިހާރައިގެ ތިރީގައި މިވާ ބަދިގޭގައި ވަގުތުން ކައްކާލައި ބަދިގެތެރެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު، މިތަނަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ލިބޭނެ. އެ ތިންދުވަހު މިތަނުން ފިންގާ ފުޑްސްވެސް ލިބެން ހުންނާނެ،" ރިޒޫ ވިދާޅުވި އެވެ.
ގެދޮރަށް ބޭނުންވާ ހުރިހާ ސާމާނެއް ވިލާތުގެ "އޮރިޖިނަލް ބްރޭންޑް" ތަކާއެކު އެއްފުރާޅެއްގެ ދަށުން ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ އިވޯ ހޯމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ވިދާޅުވީ، އެ ފިހާރައިން ފޯރުކޮށްދޭ މުދަލާއި ހިދުމަތް ދިވެހިންގެ ގިނަބަޔަކު އިތުބާރާއި އުފަލާ އެކު މިހާރުވަނީ ބަލައިގެންފައި ކަމަށެވެ.
"އަޅުގަނޑުމެން ވިއްކާ ޕްރޮޑަކްޓްސްތައް މިހާރު ދިވެހިންގެ ވަރަށްގިނަ އާއިލާތަކުން ބޭނުން ކުރަމުން އެބަގެންދޭ. އަދި އަޅުގަނޑުމެން އަތުން މުދާ ބައްލަވައިގަންނަވާ ވަރަށް ގިނަ ބޭފުޅުން އެބަހުރި މި ތަކެއްޗަށް ތައުރީފްކޮށްފައި. އަދި ހަމަ އެބޭފުޅުންގެ އާއިލާ، ރަހްމަތްތެރިންނަށް ވެސް މިތަނުން ވިއްކާ މުދަލާއި ހިދުމަތްތައް ހޯދުމަށް އިރުޝާދުދީފައި. އެގޮތުން ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންގެ މި ޕްރޮޑަކްޓްސްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ،" ރިޒޫ ވިދާޅުވި އެވެ.
އީވޯ ހޯމްގެ އަޒުމަކީ، ދިވެހިންނަށް އަބަދުވެސް ފެންވަރު ރަނގަޅު، އޮރިޖިނަލް ކޮލިޓީ ސާމާނާއި ހިދުމަތް އެއްފުރާޅެއްގެ ދަށުން އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމެވެ. އަދި އެ ފިހާރައަށް ޒިޔާރަތްކުރާ ފަރާތްތަކާއި މުދާ ގަންނަފަރާތްތަކުގެ އަގު، ޝުކުރުވެރިކަމާ އެކު ވަޒަންކުރަނީ ހިތުގެ ފުންމިނުން ކަމަށް ފިހާރައިގެ މެނޭޖްމަންޓުން ބުންޏެވެ.