ދެކުނު ކޮރެއާއާއި ޗައިނާގެ ދިފާއީ ވަޒީރުން އަންނަ ފެބްރުއަރީ މަހުގެތެރޭ ބައްދަލުކުރައްވާނެކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ. މިބައްދަލުވުމާއިގުޅޭ އިތުރު ތަފްޞީލް ދެކުނު ކޮރެއާއިން ނުދިންނަމަވެސް ދެކޮރެއާގެ ދެމެދުގައި މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަމާ ގުޅޭގޮތުން މިބައްދަލުވުމުގައި ވާހަކަދެކެވޭނެކަމަށް ދެކުނު ކޮރެޔާގެ މީޑިޔާ ޚަބަރުދެ އެވެ. ދެކޮރެއާގެ މަސްރަޙް ހޫނުވުމާ ގުޅިގެން އުތުރު ކޮރެއާ މައިތިރި ކުރުމަށް އެޤައުމާއި ގާތް ގުޅުމެއް އޮންނަ ޗައިނާއަށް އެކި ޤައުމުތަކުންދަނީ ބާރުއަޅަމުންނެވެ.


ދެކޮރެއާގެ ދެމެދުގައި މިފަހަރު މައްސަލަ އުފެދެން ދިމާވެފައިވަނީ ނިމިގެންދިއަ މަހުގެތެރޭ ދެކުނު ކޮރެއާގެ ރަށަކަށް އުތުރު ކޮރެއާއިން ޙަމަލާ ދިނުމާއި ގުޅިގެންނެވެ. މިޙަމަލާއަށްފަހު ދެކުނު ކޮރެއާއިންވަނީ އުތުރު ކޮރެޔާ ރުޅިއަރުވާލުމަށްޓަކައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އުތުރުކޮރެއާއިން މިތަމްރީނުތަކަށް އަސްކަރީ ރައްދެއް ދީފައެއްނުވެ އެވެ. މިދިޔަ ހުކުރުދުވަހު އުތުރުކޮރެއާ ޓީވީން ދެއްކި ޕްރޮގްރާމެއްގައި އެޤައުމުގެ ސިފައިންވަނީ ދެކުނު ކޮރެއާގެ ރަށަކަށް ދީފައިވާ ޙަމަލާއާއިމެދު ފަޚުރުވެރިވެ އެއީ މޮޅު ޙަމަލާއެއްކަމަށްބުނެ ވާހަކަ ފަތުރާފައިވެ އެވެ. އަދި މިއީ އުތުރުކޮރެއާގެ ކަނޑުގެ ސަރަޙައްދަށް ދެކުނު ކޮރެއާއިން ޙަމަލާދިނުމުން ދިން ރައްދު ހަމަލާއެއް ކަމަށްވެސް އުތުރުކޮރެޔާގެ ސިފައިން ބުނެ އެވެ.