ސްކޫލް ނިންމާ ކުދިންނަކީ މީޑިއާ އަށް އަހުލުވެރި ބަޔަކަށް ހެދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގާއިމްކުރި ދެވަނަ މީޑިއާ ކްލަބް، ސ. ހިތަދޫ ސްކޫލުގައި އުފައްދައިފި އެވެ.

އެމްއެމްސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސ. ހިތަދޫގައި އިއްޔެ އުފެއްދި އެ ކްލަބަކީ އައްޑޫ ސިޓީ ކައުންސިލާއި އަތޮޅު ސްކޫލުގެ އެހީތެރިކަމާއި އެކުގައި އުފެއްދި ކްލަބެއް ކަމަށެވެ. އަދި އެ ކްލަބް އުފެއްދުމުގެ ބޭނުމަކީ ސްކޫލް ނިންމާ ކުދިން މީޑިއާ އަށް އަހުލުވެރިކުރުމުގެ އިތުރުން މީޑިއާ އާ ގުޅުން ހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކަން އިތުރު ކުރުވުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

"ކްލަބް އުފެއްދުމުގެ މައިނގަޑު މަގްސަދަކީ ސްކޫލު ވެށީގައި މީޑިއާ ކުރިއަރުވައި އަމަލީ ގޮތުން ހަރަކާތްތައް ހިންގުމާއި ސްކޫލުގައި މީޑިއާ ފޯކަލް ޕޮއިންޓްތައް އުފެއްދުން. އަދި ސްކޫލުތަކުގެ މީޑިއާ ކްލަބްތަކުގެ މެދުގައި ގުޅުން ބަހިކުރުން ވެސް ހިމެނޭ،" އެ ކައުންސިލުން ބުނެފައިވެ އެވެ.

އެމްއެމްސީ އިން އުފެއްދި އެ ކްލަބް ތައާރަފް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އެ ކްލަބްގެ އޮނިގަނޑު އެކުލަވާލުމާއި އެ އޮނިގަނޑުގެ މަގާމުތަކަށާއި އާއްމު މެންބަރުންނަށްވާން ބޭނުންވާ ދަރިވަރުން ފާހަގަކޮށް ދަރިވަރުން ވެސް ވަނީ އައްޔަން ކޮށްފަ އެވެ. އޭގެ އިތުރުން އެ ކްލަބް ހިންގާނެ އިސް މުދައްރިސެއް ވެސް އައްޔަންކޮށްފައިވާ ކަމަށް އެމްއެމްސީ އިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން އެމްއެމްސީ އިން ހިތަދޫއަށް ކުރި ދަތުރުގައި އެ ކައުންސިލާއި ބެހޭ ގޮތުން މައުލޫމާތު ދިނުމާއި އެ ކައުންސިލަށް ޝަކުވާ ހުށަހެޅުމާ ގުޅޭ މައުލޫމާތު އާއްމުންނަށާއި މަދްރަސާގެ ބޭފުޅުންނަށް އަމާޒްކޮށްގެން ދީފައިވާ ކަމަށް އެމްއެންސީން ބުންޏެވެ.

އެމްއެންސީން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ކައުންސިލުން އުފެއްދި ފުރަތަމަ މީޑިއާ ކްލަބް، ބ. ދަރަވަންދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި ތައާރަފްކޮށްފަ އެވެ.