ދުނިޔޭގެ އެންމެ އުސް ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ސައުދީ އަރަބިއްޔާ އިން ފަށައިފި އެވެ.

އުސް މިނުގައި 1000 މީޓަރު (3280 ފޫޓު) ހުންނަ ގޮތަށް އިމާރާތްކުރާ މި ޓަވަރު އިމާރާތް ކުރުމަށް ގާތްގަނޑަކަށް 716 މިލިޔަން ޕައުންޑް (1.2 ބިލިއަން ޑޮލަރު) ހަރަދުވާނެ ކަމަށް ސީއެންއެން އިން ނެރުނު ރިޕޯޓެއްގައިވެ އެވެ. ރަތް ކަނޑު ކައިރީގައި އިމާރާތް ކުރާ މި އިމާރާތް ހުންނާނީ ސައުދީގެ ޖިއްދާ އެވެ.

މި އިމާރާތުގެ ފަރުމާތަކަށް ބަލައިލާ އިރު، އެންމެ ފާހަގަކޮށްލެވެނީ 157 ފޫޓުގެ އިމާރާތުގައި ހުންނަ ވިލާތައް ފެންނަ ޓެރަސް އެވެ.

މި އިމާރާތް ފަރުމާކޮށްފައި ވަނީ މަޝްހޫރު އާކިޓެކްޗަރު އެޑްރިއަން ސްމިތު އަދި ގޯޑަން ގިލް އެވެ. ސައުދީ ގެޒެޓުން މައުލޫމާތުދޭ ގޮތުގައި، މި އިމާރާތުގައި 5.7 މިލިއަން ފޫޓުގެ ކޮންކްރީޓާއި 80،000 ޓަނުގެ ދަގަނޑު ހިމެނޭނެ އެވެ.

ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތްތަކަށް ބަލައިލާ އިރު، މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަކީ ޔޫއޭއީގެ ދުބާއީގައި ހުރި 2،717 ފޫޓުގެ ބުރްޖް ހަލީފާ އެވެ. އަދި 2،073 ފޫޓް ހުންނަ ޗައިނާގެ ޝަންހާއީ ޓަވަރު ލިސްޓްގެ ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ 1،971 ފޫޓު ހުރި ސައުދީގެ މައްކާގެ ރޯޔަލް ކްލޮކް ޓަވަރު ހޮޓެލް އެވެ. ހަތަރުވަނައިގައި 1،776 ފޫޓް ހުރި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު އޮތް އިރު، ފަސްވަނަ އަށް އެންމެ އުސް ޓަވަރަކީ ޓައިވާނުގައި ހުރި 1،670 ފޫޓްގެ ޓައިޕޭ 101 އެވެ.