ސަންޢާ (އެޕްރީލް 20) : އެމެރިކާ އިން ޔަމަނަށް މިއަދު އިތުރު ހަމަލާތަކެއްދީ 13 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ޔަމަންގެ އަމަނާބެހޭ އެންމެ މަތީ ކޮމިޓީ ބުނާ ގޮތުން ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ މިއަދު ވައިގެ ހަމަލާތައް ދީފައި ވަނީ ޔަމަނުގެ ދެކުނުގައި އަލްގާއިދާ ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ އަލްމަހްފަދް އަށެވެ. އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަލްމަހްފަދް އިން ދަތުރުކުރަމުން ދިޔަ ހަތަރު ކާރު ހިމެނޭ ހަނގުރާމަވެރިންގެ ގާފިލާއެއް ކަމަށާ މިހަމަލާތަކުގައި މަރުވި 13 މީހުންގެ ތެރޭގައި އާންމުންގެ ތިންމީހުން ވެސް ހިމެނޭ ކަމަށް ޔަމަންގެ އަމަނާބެހޭ އެންމެ މަތީ ކޮމިޓީ ބުނެ އެވެ.

މިއީ ޔަމަންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމަށްބުނާ އަލްގާއިދާގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އެމެރިކާ ހަމަލާތައްދެމުންގެންދާ ދެވަނަ ދުވަހެވެ. އިއްޔެ ޔަމަންގެ ސޮވްމިއާ ސަރަހައްދަށް އެމެރިކާދިން ޑްރޯލް ޙަމަލާތަކުގައި 18 މީހުން މަރުވެ އެތައް ބަޔަކު މަރުވެފައިވާ އިރު މީގެ ތެރޭގައި ކުށެއްނެތް އާންމުން ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ބަހަނާގައި އެމެރިކާ ޔަމަނަށް ދެމުންގެންދާ ހަމަލާތަކަކީ ވެސް ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެމެރިކާގެ މައްޗަށް ސްޓޭޓް ޓެރަރިޒަމް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އެމެރިކާގެ ޙަމަލާތައް ކުށެއްނެތް އާންމުން އަމާޒުކުރުމުގެ އިތުރުން އެމެރިކާ އިން ހަނގުރާމަވެރިންނަށް ދޭ ހަމަލާތަކަކީ ގަސްދުގައި މީހުން މެރުމުގެ ނިޔަތުގައިދޭ ހަމަލާތަކެއް ކަމަށްވާތީ އެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް އެމީހުން މެރުމުގެ މަގްސަދްގައި ދުރާލައި ރާވައިގެންދޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބައިނަލްއަގްވާމީ ގާނޫނު ސިފަކުރެ އެވެ. އެމެރިކާ އިން ޕާކިސްތާނުގެ ވަޒީރުސްތާނަށް ދެމުންގެންދާ ހަމަލާތަކުގައި ވެސް ހަނގުރާމަވެރިންގެ އިތުރުން އާންމުންގެ އެތައް ބަޔަކު މަރާލާފައިވެ އެވެ.

އެމެރިކާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ޔަމަންގެ ކައިވެނި ޕާޓީއަކަށް ވެސް ހަމަލާދީ 12 މީހުން މަރާލުމުގެ ބޮޑު ގަތްލުއާންމެއް ހިންގާފަ އެވެ. މިގަތްލުއާންމުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާ އިރު އެމެރިކާ އިން ޔަމަނަށް ހަމަލާތައް ދެނީ ޔަމަން ސަރުކާރުގެ ރުހުމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވަނީ އެމެރިކާ އިން ޔަމަނަށްދޭ ހަރުކަށި އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ހަމަލާތައް ދިފާއުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)