މާލޭ ސިޓީ ކައުންސިލަރުންގެ އިއްތިފާގުން ހޮއްވެވި މޭޔަރު މުހައްމަދު ޝިހާބާއި ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މަގާމުން ދުރުކުރަން ޕީޕީއެމުން ހުށަހެޅި މައްސަލާގައި ސިޓީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ވޯޓެއް ނަގަން އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

އަންނަ އަންގާރަ ދުވަހަކަށް އެ މައްސަލަ އެޖެންޑާކޮށްފައިވާކަން ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު "ސަން"އަށް ކަށަވަރު އެވެ.

މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ސާފު މެޖޯސިޓީ އޮންނަ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމް ތިން ކައުންސިލަރުންނެވެ. އެ ބޭފުޅުން އެ މައްސަލަ ހުށަހެޅުއްވީ "ސަރުކާރުގެ ޕްރޮޖެކްޓްތަކަށް އެއްބާރުލުން ނުދޭތީ" އާއި "ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ" ކަމަށް ތުހުމަތުކޮށެވެ.

ޕީޕީއެމް ކައުންސިލަރުންގެ ތުހުމަތުތަކަށް ޖަވާބެއް ހޯދާލުމަށް ޝީފާއަށް ގުޅާލުމުން އޭނާ އެ މައްސަލާގައި ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވެ އެވެ. އަދި ޝީހާބު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 ކައުންސިލަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އާއި ހެންވޭރު ދެކުނު ކައުންސިލަރު އިބްރާހިމް ނިމާލާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ރިޒްވީން އާއި މައްޗަންގޮޅީ އުުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަންނޫން އާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން އާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝިހާބެވެ.