20 Apr 2014, 15:19
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރި ޖަރުމަން ކްލަބްް ބޮރުސިއާ ޑޯޓްމަންޑުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެކްލަބުގެ ޖަރުމަން މިޑްފީލްޑަރު މާކޯ ރެއުސް ގޮވައިލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ޖާގައެއް ޑޯޓްމަންޑަށް ކަށަވަރުވީ ޖަރުމަން ބުންޑަސްލީގާގައި އިއްޔެ މައިންޒްއާ ދެކޮޅަށް ކުޅެ 4-2 ލަނޑުން މޮޅުވި މެޗަށް ފަހު އެވެ. ލީގުގައި ޑޯޓްމަންޑަށް ބާކީ ތިން މެޗު އޮތް އިރު، އެ މެޗުތަކުގައި ރަނގަޅު ކުޅުމަށް ދައްކަން ޖެހޭ ކަމުގައި ރެއުސް ދެކެ އެވެ.
"އަހަރެމެންނަށް ބާކީ މިއޮތީ ތިން މެޗު، އެހެންކަމުން މި މެޗުތަކުގެ ކުޅުން ރަނގަޅު ކުރުމަކީ މުހިންމުކަމެއް. އަހަރެމެން ބޭނުން ޖަރުމަން ކަޕް ކާމިޔާބުކުރަން. އަހަރެމެންނަށް އެކަން ކުރެވޭނީ ރަނގަޅު ކުޅުމެއް ދަމަހައްޓައިގެން. ސީޒަނުގައި އަހަރެމެންނަށް ދެން ލިބެން އޮތް ބޮޑު ކާމިޔާބަކަށް ވާނީ ޖަރުމަން ކަޕް ކާމިޔާބުކުރުން،" ރެއުސް ބުންޏެވެ.
ރެއުސް ބުނީ، ކުރިއަށް އޮތް ސީޒަނަށް ޑޯޓްމަންޑް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި މި ސީޒަނުގައި ވެސް ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ.
"އަހަރެމެން ދެން އެންމެ ބޮޑަށް ވިސްނަންވީ ކުރިއަށް އޮތް ސީޒަނުގައި ޓީމު އިތުރަށް ވަރުގަދަކުރަން. މިހާރު އޮތް ސްކޮޑަކީ ވެސް ވަރުގަދަ ސްކޮޑެއް. އަހަރެމެން އެކުގައި މަސައްކަތްކުރާ ނަމަ، ތަރިން އެކުލެވޭ ސްކޮޑެއް ނެތަސް ކާމިޔާބީ ލިބޭނެ،" އޭނާ ބުންޏެވެ.
ޖަރުމަން ކަޕްގެ ފައިނަލުގައި ބަޔާން މިއުނިކާއި ދެކޮޅަށް ޑޯޓްމަންޑް ނުކުންނާނީ އަންނަ މަހު 17 ވަނަ ދުވަހު އެވެ.