20 Apr 2014, 15:15
މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމަށް ކުރިއަށް އޮތް 48 ގަޑިއިރު ވަރަށް މުހިންމު ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެއްވެސް ނަތީޖާއެއް ނުފެނިއްޖެ ނަމަ، ރޭވުންތައް ބަދަލުކުރަން ޖެހިދާނެ ކަމުގައި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ހިޝާމުއްދީން ހުސެއިން ބުނެފި އެވެ.
ޑިފެންސް މިނިސްޓަރުގެ އިތުރުން މެލޭޝިއާގެ ވަގުތީ ޓްރާންސްޕޯޓް މިނިސްޓަރުގެ ގޮތުގައި ހުންނެވި ހިޝާމުއްދީން މިހެން ވިދާޅުވީ، އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަތްވަނަ މިޝަންއަށް ޑްރޯން ފޮނުވާލުމާ އެކު އެވެ.
"ކުރިއަށް އޮތް 48 ގަޑިއިރު ވަރަށް މުހިންމު. އެ މުއްދަތުގެ ތެރޭގައި އެއްވެސް ކަމެއް ނުވެއްޖެ ނަމަ، ދެން ޖެހޭނީ އަލުން ގްރޫޕްތައް އެއްވެ، އާ ރޭވުމަކާ މެދު މަޝްވަރާކުރަން،" އޭނާ ވިދާޅުވި އެވެ.
ހިޝާމުއްދީން މިގޮތަށް ނިންމާފައިވާ އިރު، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ޓޯނީ އެބޮޓްގެ ވިސްނުން މުޅިން ތަފާތެވެ. އެބޮޓް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަންނަ ހަފްތާ ނިމެންދެން އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ މަހު އަށް ވަނަ ދުވަހު 239 މީހުންނާއެކު ގެއްލުނު އެމްއެޗް370 ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ އިރު، އެ މަސައްކަތަށް އެއްވެސް އަލިކަމެއް ފެނިފައެއް ނުވެ އެވެ. މިހާރު އެ މަސައްކަތް ކުރިއަށް ގެންދަނީ ކަނޑުއަޑީގައި އިންސާނުންނާ ނުލައި ދުއްވާ ބްލޫފިން 21 (ޑްރޯންއެއް) ބޭނުންކޮށްގެންނެވެ.