ކޮންމެ މީހަކަށް ވެސް ޕާޓީކުރެވިދާނެ ކަމަށާއި އެކަމަކު މެނޫގައި ޑްރަގް ހިމަނައިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.



"ގާނޫނު ހިންގާނެ. އެކަމުގައި އިސްތިސްނާއެއް ނޯންނާނެ. ކޮންމެ މީހަކަށް ވެސް ޕާޓީ ކުރެވިދާނެ. އެކަމަކު މެނޫގައި ޑްރަގް ހިމަނައިގެން ނުވާނެ،" އުމަރު ރޭ ކްރެއްވި ޓްވީޓްގައިވެ އެވެ.

އުމަރުގެ ޓްވީޓާ ބެހޭ ގޮތުން އެމަނިކުފާނުގެ ބަހެއް އަދި ވަނީ ނުލިބި އެވެ.

އުމަރު މިހެން ވިދާޅުވެފައި މިވަނީ ވ. އަތޮޅުގައި އޮންނަ އަންބަރާ ނަމަކަށް ކިޔާ ފަޅުރަށުގައި ގާތްގަނޑަކަށް 200 މީހުން ޕާޓީކޮށް މަސްތުވާތަކެތި ބޭނުންކުރި ހާދިސާއާ އާ ގުޅިގެންނެވެ.

ޕިކްނިކް ރަށެއްގެ ގޮތުގައި ބޭނުންކުރަމުންދާ އަންބަރާގައި ޕާޓީކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ 18 އަހަރުން ދަށުގެ ކުއްޖާއާ އެކު 79 މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ ފިޔަވައި އެހެން އެންމެން ފުލުހުންގެ ބެލުމުގައި ބެހެއްޓުމަށް ޓަކައި ވަނީ 10 ދުވަހުގެ މުއްދަތު ކޯޓުން ޖަހާދީފަ އެވެ.

ބަންދުގެ މުއްދަތު ޖަހާފައިތިބި މީހުންގެ ތެރޭގައި ހިމެނީ 19 އަންހެނަކާ 59 ފިރިހެނުންނެވެ. މި މީހުންގެ މުއްދަތު ޖަހާދިނުމަށް ކޯޓަށް ވަޑައިގެން ދައުލަތުގެ ވަކީލް ރޭ ވިދާޅުވެފައި ވަނީ އެ މައްސަލައިގަ ހައްޔަރުކުރި 19 އަންހެނުންގެ ތެރެއިން ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަންބަރާ އަށް ފުލުހުން ދިޔައިރު އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ބަރަހަނާކޮށެވެ. އަދި އެރަށުތެރެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ.