ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަލުން ނަންފުޅެއް ދެން ފޮނުއްވާނީ 18 ވަނަ މަޖިލިސް ފެށުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިން ހުށަހެޅުއްވި ހ. މީނާޒް މައުމޫން ހަމީދުގެ ނަންފުޅު މަޖިލީހުން ފާސްވެފައިނުވާތީވެ، އެ މަގާމަށް އައްޔަން ކުރުމަށް ދެން ނަން ފުޅެއް ހުށަހަޅުއްވާނީ އަލަށް އިންތިހާބުކޮށްފައިވާ މަޖިލީސް ހުވާކުރުމަށްފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން އެމަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އަށް ފެނިވަޑައިގެން ނަންފުޅަކީ މައުމޫން ހަމީދުގެ ނަންފުޅު ކަމުގައިވާ އިރު އަލުން ނަންފުޅެއް ފޮނުއްވާ އިރު އެ ނަންފުޅު ދެވަނަ ފަހަރަށް ފޮނުއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރައީސް އަށް ފެނިވަޑައިގެންނެވި ނަންފުޅަކީ މައުމޫން ހަމީދުގެ ނަންފުޅު. އެހެންވެ އެ ނަންފުޅު ހަމަ ދެވަނަ ފަހަރަށް ފޮނުއްވުމަކީ ވެސް އެކަށީގެންވާ ކަމެއް،" މުއާޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރިން މަޖިލީހަށް ފޮނުއްވި މައުމޫންގެ ހަމީދު ނަންފުޅު މަޖިލީހުން ފާސްނުވީ ޤާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓާ ޖެނެރަލްކަމުގެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާ ކަމަށް ބަޔާންކުރައްވާފައިވާ އިރު، އެ ނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވި މެމްބަރުންގެ އަދަދަކީ 36 އެވެ. އަދި ނުފެންނަ ކަމަށް 17 މެންބަރުން ވޯޓް ދެއްވި އެވެ.