27 Dec 2010, 04:14
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އިތުރު ހަނގުރާމައެއް ފެށުމަކީ ގާތްކަމެއް ކަމަށް ވިދާޅުވެ އިސްރާއީލުގެ ބައެއް ވަޒީރުން އިންޒާރު ދެއްވައިފި އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތަކަށް އިޝާރާތް ކުރައްވަމުން އިސްރާއީލުގެ ބައެއް ވަޒީރުން އިއްޔެ ވިދާޅުވީ އިސްރާއީލުގެ މީހުންގެ ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމުގެ ފުރްސަތު ފަލަސްތީނުގެ ޖަމާޢަތްތަކަށް ތާއަބަދު ނުދެވޭނެ ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުގެ ދުވަސް ދުއްވާލުމަށް އިސްރާއީލުކުރި މަސައްކަތް މިހާތަނަށްވަނީ ނާކާމިޔާބުވެފަ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އަމާންކަމުގައި ދެމިއޮތުމުގެ ފުރްސަތު އިސްރާއީލަށް ނުދެވޭނެ ކަމުގަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމުގެ ޖިހާދުގެ ފަލްސަފާ ބިނާވެފައިވަނީ އިސްރާއީލަށް ކުދިކުދި ޙަމަލާތައް ދީގެން އިސްރާއީލު މީހުންގެ ހިތްތަކުގައި އަބަދުވެސް ބިރުވެރިކަން އުފެއްދުމުގެ މައްޗަށް ކަމަށާއި މިކަން ހުއްޓުވުމުގައި އިސްރާއީލު ނާކާމިޔާބުވެފައިވާ ކަމަށް ހަނިއްޔާ ވިދާޅުވި އެވެ.