ހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަނިކޮށް ބ. ހިތާދޫ، ނަސީމީވިލާ، މިސްބާހު އަބްދުﷲ ގައިގައި ސައިކަލަކުން ޖެހި މަރުވި މައްސަލައިގައި ހިމެނޭ ށ. ފޯކައިދޫ، އަރާމްގޭ، ހުސެއިން އަފީފް އެހެން ފުލުހަކަށް ހަމަލާދީގެން ހަ މަހަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މިސްބާހު މަރުވި މައްސަލައިގައި އަފީފުގެ މައްޗަށް ދައުވާ ކުރަނީ އިންޖީނުލީ ދުއްވާ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށެވެ.

މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސެޕްޓެމްބަރު، 2012 ގައި، ބަންދުކޮށްފައިވާ އޮތް މަގަކަށް ވަން ވޭ އާ އިދިކޮޅަށް އަފީފު ވަދެ، ފުލުހުންގެ މީހަކު އޭނާ ކައިރި އެހެން ނުހެދުމަށް އެންގުމުން، ފުލުސް މީހާގެ ފަޔަށް ސައިކަލު އަރުވައި، ސައިކަލުން ބަނޑުގައި ޖަހައި، އިތުރަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާތީ އޭނާ ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރީ ރަނގަޅަށް ކަމަށެވެ.

މިސްބާހުގެ މަރުގެ މައްސަލައިގައި އަފީފުގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ މަރުގެ ދިޔަ ދިނުމާ އެކު ލައިސަންސް 10 އަހަރަށް ހިފެހެއްޓިދާނެ އެވެ.