ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް އިތުރު ފުރުސަތު ތަކެއް ހޯދައިދިނުމަށް ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުރި މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ އިންސްޓިޓިއުޓްތަަކަށް ގުޅިގެން އުފައްދާފައިވާ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) އިން ބުނެފި އެވެ.

ފީމް އިން މިއަހަރުގެ ތެރޭގައި ރާވާފައިވާ ކަންތައްތައް މީޑިއާ އާއި ހިއްސާ ކުރުމަށް މިއަދު ނަސަންދުރާގައި ޕެލެސް ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެސޯސިއޭޝަންގެ ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޑީން އިބްރާހިމް ވަހީދު ވިދާޅުވީ، ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުލިބޭ ކުދިންނަށް އިތުރު ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.

"ތަފާތު ސަބަބުތަކާއި ހެދި ފޯމަލް އެޑިއުކޭޝަނުން ސިސްޓަމްގެ ތެރެއިން ޑްރޮޕް އައުޓްވާ ކުދިންނަށް ޕްރައިވެޓް ކޮލެޖްތަކުން ފުރުސަތު ހޯދައިދެވޭނެ. މޯލްޑިވްސް ނެޝަަނަލް ކޮލިފިކޭޝަންގެ ފްރޭމް ވޯކް ތެރެއިން އެބައިން އެކުދިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިދެވެން. އެ ކުދިންނަކީ ގައުމަށް ފައިދާހުރި މުހިއްމު ވަކިން ހާއްސަކޮށް އެކުދިންނަކީ ގްރެޖުއޭޓުންނަށް ހެދުމުގެ ފުރުސަތު އެބަ އޮތް،" ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންއާ ގުޅިގެން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕްރިވެޓް ހަޔާ އެޑިއުކޭޝަންގައި މިހާރު ހުރި އިންސްޓިޓިއުޓްތަކަށް ގާނޫނީ ރައްކާތެރިކަމެއް ލިބުމަކީ އެބޭފުޅުން ކުރައްވާފައިވާ އިންވެސްޓްމަންޓަށް ވެސް ވަރަށް ބޭނުންތެރި ކަމެއް. އެހެންކަމުން މަޖިލީހާއި ވެސް ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާ ވެސް ގުޅިގެން ކެޕޭސިޓީ ހުރިވަރަކުން އެ މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސްކޫލްތަކަށް ޓީޗަރުން ލިބުމުގައި ދަތިތަކެއް މިހާރުވެސް ދަތިތަކެއް ހުރި ކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރާއްޖޭގައި ހުރި އަމިއްލަ އިންސްޓިޓިއުޓްތަކަށް ވެސް ކިޔަވައިދޭނެ ޓީޗަރުން ނެތް ކަމަށެވެ.

އެގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ހަޔާ އެޑިއުކޭޝަނަށް ބޭނުންވާ މީހުން ބިނާ ކުރުމަށް ސަރުކާރުގެ ތެރެއިން ކުރެވެން އޮތް މަސައްކަތްތަކާ ރާއްޖޭން ބޭރު ގައުމުތަކުގެ ޑޯނާ އިންސްޓިޓިއުޓްތައް މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތައް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ފީމް އިން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މީހުން ބިނާ ކުރުމަށް ޓުއަރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ކޯސްތައް ހިންގާ އެފަދަ ކޯސްތައް ފަރުމާ ކުރުމަށް ރާވާފައިވާއިރު، އިޖްތިމާއީ ތަރައްގީ ކުރުމުގެ ގޮތުން ކޮލެޖްތަކުގެ ދަރިވަރުންނަށް ފޯރަމެއް އިންތިޒާމް ކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތައް ހިމެނޭ ގޮތަށް އެޑިއުކޭޝަން ފެއާއެއް އިންތިޒާމްކުރުމަށާއި ޕްރައިވެޓް ހަޔާ އެޑިއުކޭޝަނަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ހައްލުތައް ދެނެގަތުމަށް އެނުއަލް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

އިގްތިސާދީ ފުދުންތެރިކަމަށް އިސްކަމެއް ދީގެން މަސައްކަތު ބައްދަލުވުމަކާއި އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުދި ވިޔަފާރި ހިންގުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ސެމިނާއެއް ބޭއްވުމަށްވެސް މިއަހަރު ތެރޭގައި ވަނީ ނިންމާފަ އެވެ.

ފީމް އިން ބުނީ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުން ކުރާ މަސައްކަތަކީ ވިޔަފާރިއަކަށްވުރެ ހިދުމަތެއްގެ ގޮތުގައި ދެކިގެން ކުރުމަށް ހަޔާ އެޑިއުކޭޝަން އިންޑަސްޓްރީއެއް ތަރައްގީކުރުމަށްޓަކައި ސަރުކާރައި ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ދިގު މުއްދަތަކަށް އަމިއްލަ ކޮލެޖްތަކަށް ހިދުމަތް ދެވޭނީ މި އިންޑަސްޓްރީގައި ދެމިތިބެވޭނެ ގޮތަކަށް ފުރުސަތުތަކެއް ލިބިގެން. އެގޮތުން މަތީ ތައުލީމް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި އަމިއްލަ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުގެ ހިއްސާ ވެސް އިތުރުކުރެވޭ ގޮތަށް ޕޮލިސީ މޭކްކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވިދާނެ،" ފީމް އިން ބުންޏެވެ.

ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ކިޔަވާ ކުދިން ރާއްޖެ އަންނަންޖެހޭ ވަރަށް ތަރައްގީ ކުރެވިދާނެ ދާއިރާތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ކުދިން ރާއްޖެގައި މަތީ ތައުލީމް ހާސިލް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖެ ތައުލީމް ފޯރުކޮށްދޭ އަމިއްލަ އިންސްޓިޓިއުޓްތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމާއި އެ އިންސްޓިޓިއުޓްތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދިރާސާކޮށް އެކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރުމަށް އުފައްދާފައިވާ ފީމް އަކީ 2009 ވަނަ އަހަރުގެ ޖުލައި 14 ގައި ރަޖިސްޓްރީ ކޮށްގެން ހިންގަން ފަށާފައިވާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަންގައި ރާއްޖޭގެ މިހާރު ހުރި ގިނަ އަމިއްލަ ކޮލެޖް/ އިންސްޓިޓިއުޓްތައް ހިމެނެ އެވެ.