ރެޑް ކުރެސެންޓް (އެމްއާރުސީ)ގެ އިމާރާތެއް ހުޅުމާލެގައި އެޅުމަށް ހަމަ ޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

މިއަދު ހެނދުނު ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކުރެސެންޓްގެ ސެކްރެޓަރީ ޖެނަރަލް އަބްދުއް ރައްޒާގު އިބްރާހިމް ވިދާޅުވީ އެ ޖަމިއްޔާގެ ހެޓްކުއާޓާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ހެޔޮ އަގެއްގައި ދޭނެ ކަމުގެ "ފެހި ސިގްނަލް" ސަރުކާރުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހެޓްކުއާޓާ އިމާރާތެއް ގާއިމުކުރެވިގެން ދިއުމަކީ އެ ޖަމިއްޔާގެ މަސައްކަތް ފުޅާކުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"މި ބިމަކީ އަޅުގަނޑުމެންގެ ފެށުން ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެނަށް ލިބޭ ބިމުގައި އިމާރާތެއްއަޅާ އެ އިމާރުތުގައި މަސައްކަތްތައް ފަށާފައި ދެން އިތުރަށް އިތުރަށް ހުރި ތަންތަނަކީ އަޅުގަނޑުމެނަށް ފައިސާ ހޯދޭނެ ގޮތްތައް ކަމަށް ބަލައިގެން އޭގެ ޕްލޭންތައް ކުރިއަށް އެބަގެންދަން،" ރައްޒާގު ވިދާޅުވި އެވެ.

ރައްޒާގު ވިދާޅުވީ ހެޑްކުއާޓާސް ހެޅުމަށްޓަކައި ހުޅުމާލެ ޑިވޮޕޮލް މެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު މަޝްވަރާތައް ކޮށް ނިމިފައިވާ ކަމަށެވެ. އަދި އިމާރާތުގެ ބިންގާ އަންނަ އަހަރުގެ ކުރީކޮޅުގައި އެޅޭނެ ކަމަށާއި ތިން އަހަރު ތެރޭގައި އިމާރާތުގެ ބޭނުން ކުރެވޭ ވަރުވާނެ ކަމަށް ރައްޒާގު ވިދާޅުވި އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން އެޅުމަށް ހަމަ ޖެހިފައިވާ އެ އިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަ ޖެހިފައިވާ ވެސް އޭނާ ވިދާޅުވި އެވެ.

އެމްއާރުސީ ހިންގުމަށް ފައިސާގެ އެހީތެރިކަން އެންމެ ބޮޑަށް ވަމުންދަނީ ބޭރުގެ ހިލޭ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން ކަމަށް ރައްޒާގު ވިދާޅުވި އެވެ.

އިންސާނިއްޔަތަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ދިވެހި ރެޑްކުރެސެންޓްގެ، ބްރާންޗްތައް 10 ރަށެއްގައި ގާއިމުކޮށްފައިވެ އެވެ.