ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ އުފެއްދުންތަކުގައި ހަލާލު ލޯގޯގެ ޖަހާނަމަ އޭގެ ސަބަބުން އެ އުފެއްދުންތަކުގެ އެކްސްޕޯޓް ފުޅާވެ، އާ މާކެޓްތަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ފުރަތަމަ ދޫކުރި ހަލާލު ސެޓްފިކެޓް ރާއްޖޭގެ ތިން ކުންފުންޏަކަށް ހަވާލުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިން ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސްވެރިކަން ކުރަމުން އައިއިރުވެސް އެ މަސްވެރިންގެ މަސްތަކަށް ބޭރުގެ ބޮޑަތި ކުންފުނިތަކުން ޓެކްސް ނަގަން ފެށުމުން މަސްވެރިން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ވެސް އެ ކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށާއި ދިވެހި މަހުގެ އުފެއްދުންތަކުގައި "ހަލާލު ލޯގޯ" ޖަހައިފިނަމަ އެ އުފެއްދުންތަކަށް ބޭރުގެ އިތުރު މާކެޓްތަށް ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ލޯގޯއިން ރަމްޒުކޮށްދޭ މިވެނި އުފެއްދުމަކީ އިސްލާމުން ކެއުން ހުއްދަ އެއްޗެއްކަން. ޔޫރަޕް މީހުން ވެސް ބަލާނެ ކާއެއްޗެއް ގަންނަ އިރު ހަލާލު ލޯގޯ ޖަހާފައި ހުރި އެއްޗިއްސަށް. އެއީ އެމީހުނަށް ވެސް އެނގޭ މުސްލިމުން ކާނީ ހަލާލު ސާފު އެއްޗެހިކަން. އެހެންވީމަ މި ލޯގޯ ޖަހައިގެން ބޭރުކުރާނަމަ އެ އުފެއްދުމަކަށް ބޭރުގެ އިތުރު މާކެޓްތަށް ލިބޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ކުރިޔަށް އޮތްތާގައި ވެސް އިތުރު ޕްރޮޑަކްޓްތަކެއްގައި ހަލާލު ލޯގޯ ޖަހާނެ ކަމަށާއި އެ އުފެއްދުމަކީ %100 ދިވެހި އުފެއްދުމެއްކަން އަންގައިދޭ އާ ލޯގޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.