20 Apr 2014, 12:21
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރި މަސައްކަތުގެ ދަށުން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތަކަށް އަލަށް ދޫކުރި ފުރަތަމަ ހަލާލު ސެޓްފިކެޓް ތިން ކުންފުންޏަކަށް މިއަދު ހަވާލުކޮށްފި އެވެ.
ހަލާލު ސެޓްފިކެޓަކީ އެ އުފެއްދުމަކީ އިސްލާމްދީނުގެ މިންގަނޑުތަކާއި އެއްގޮތަށް އުފައްދާފައިވާ އެއްޗެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ކަމާބެހޭ އިދާރާއަކުން އެ އެއްޗެއް އުފެއްދިގޮތް ބަލައި ދިރާސާކުރުމަށްފަހު، އެ އެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އެއީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އެއްޗެއްކަން އަންގައިދިނުމަށް ދެވޭ ލިޔުމެކެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ދިރާސާކުރުމަށްފަހު ރާއްޖޭގައި ފުރަތަމަ ދޫކުރި ހަލާލު ސެޓްފިކެޓް ފެލިވަރު ފިޝަރީޒް ގެ ފަސް ބާވަތަކާއި މިފްކޯގެ 12 ބާވަތެއްގެ އިތުރުން ހޮރެއިޒޮން ފިޝަރީޒްގެ ތިން ބާވަތަކަށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެއްޗަށް ޙަލާލު ސެޓްފިކެޓް ދޫކުރަން ފެށުމަކީ ރާއްޖޭގެ ވިޔަފާރިއަށާއި އިގްތިސާދަށް ކުރިއެރުންލިބި ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން މުއާމަލާތުގެ ކަންކަން ކުރުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށާއި އޭގެ ސަބަބުން އިގްތިސާދަށް ރަނގަޅު ބަދަލެއް އަންނާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.
ހަލާލް ސެޓްފިކެޓް ހޯދުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.