20 Apr 2014, 12:14
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމުގެ މަގާމަށް، މައްޗަންގޮޅި ރޮޒޭރިއަމް ޑޮކްޓަރު ޢަޒީމާ އާދަމް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޢައްޔަނުކުރައްވައިފި އެވެ. ގަވަރުނަރު ކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ޑޮކްޓަރު ޢަޒީމާ އާދަމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށް ޓަކައި މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ޑޮކްޓަރު ޢަޒީމާ އާދަމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު ވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ، އެސިސްޓެންޓް ގަވަރުނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަޤާމުގަ އެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގެ މޭ މަހު އެވެ.
ޑޮކްޓަރ ޢަޒީމާ އާދަމް ޕީއެޗްޑީ ހާސިލު ކުރެއްވީ، އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަޒް ޑިގްރީ ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެއިސެސްޓަރގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.