20 Apr 2014, 12:00
މޯލްޑިވްސް މިލިޓަރީ ވެޓަރަންސް (މޯލްވެޓްސް)ގެ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބާއްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އޯކިޑް ކޮންފަރެންސް ހޯލުގައި ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މޯލްވެޓްސްގެ ކޮމާންޑަރު މޭޖާ ޖެނަރަލް ރިޓަޔާޑް މުހައްމަދު ޒާހިރެވެ.
އެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވެވި ކަންތައްތަކުގެ ތެރޭގައި ޖަމިއްޔާ ހަރުދަނާ ބިންގަލެއްމަތީ ފަށައިގަތުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުންނާއި ޖަމިއްޔާ ފުޅާކޮށް މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ބައްދަލުވުމުގައި ޖަމިއްޔާގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފަންޑް ހޯދުމާއި މެންބަރުންނަށް ފަސޭހައިން ޖަމިއްޔާ އަށް ގުޅޭނެ ގޮތެއް ހަމަޖެއްސުމާއި ޖަމިއްޔާގެ ވެބްސައިޓެއް ފަރުމާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.
ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންފައިވާ ސިފައިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ މޯލްވެޓްސްގެ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މޯލްވެޓްސްގެ ކޮމާންޑަރު މޭޖާ ޖެނެރަލް ރިޓަޔާޑް މުހައްމަދު ޒާހިރާއި ޑެޕިއުޓީ ކޮމާންޑަރު ކާނަލް ރިޓަޔާޑް އަހުމަދު ޒާހިރުގެ އިތުރުން ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މޯލްވެޓްސް ޖަމިއްޔާ އިފްތިތާހުކޮށްފައި ވަނީ ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިދިޔަ ހުކުރު ދުވަހު އެވެ.