27 Dec 2010, 04:03
އިސްރާއީލާއި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަމުން ގެންދާތަން ބަލަން ނޯންނާނެ ކަމަށް މިސްރުން ބުނެފި އެވެ. މިސްރުގެ ޚާރިޖީ ވަޒީރު އަޙްމަދު އަބުލްޣައިތު ވިދާޅުވީ އިސްރާއީލުގައި ނިއުކްލިޔަރ ހަތިޔާރު އެބަހުރި ކަމަށާއި އީރާންވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަގުމަތީގައި ކަމަށް ބުނާ ރިޕޯޓްތަކާމެދު މިސްރު ކަންބޮޑުވާ ކަމުގަ އެވެ. މިސްރުގައި ވެރިކަންކުރާ ވަތަނީ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބުލްޣައިތު ވިދާޅުވީ ހަކަތަ އުފެއްދުމަށްޓަކައި ނިއުކްލިޔަރ ރިއެކްޓަރެއް ބިނާކުރުމުގެ މަސައްކަތް މިސްރުން ވަރަށް އަވަހަށް ފަށާނެ ކަމުގަ އެވެ. އަދި މިސްރުގެ ސިޔާސަތަކީ ނިއުކްލިޔަރ ހަތިޔާރުން މަނާވެފައިވާ ސަރަޙައްދަކަށް މެދުއިރުމަތި ހެދުން ކަމަށާއި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ވިސްނުން މިސްރު ނުގެންގުޅޭ ކަމަށް އަބުލްޣައިތު ވިދާޅުވި އެވެ.
ނިއުކްލިޔަރ ހަތިޔާރު އުފައްދައިފިނަމަ އެހަތިޔާރު ގެ ފެންވަރު ހިފަހައްޓައި މަރާމާތުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަހަރެއްގެ މައްޗަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުވާނެ ކަމަށާއި މިއީވެސް ނިއުކްލިޔަރ ހަތިޔާރު އުފައްދަން މިސްރު ބޭނުންނުވާ އެއް ސަބަބު ކަމަށް އަބުލްޣައިތު ވިދާޅުވި އެވެ.