20 Apr 2014, 12:00
ވ. އަންބަރާގައި މަސްތުވެފައި ތިބެ ޕާޓީ ކުރަމުންދަނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 18 ދަށުގެ އަންހެން ކުއްޖާގެ ގޭގެ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަސް ޖުވައިނަލް ކޯޓުން ޖަހައިފި އެވެ. އެ ކޯޓުން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ޕިކްނިކް ރަށެއްގެ ގޮތުގައި ބޭނުންކުރަމުންދާ އަންބަރާގައި ޕާޓީކުރަމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ 18 އަހަރުން ދަށުގެ ކުއްޖާއާއެކު 79 މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ ފިޔަވާ އެހެން އެންމެންގެ ފުލުހުންގެ ބެލުމުގައި ބެހެއްޓުމަށްޓަކައި ވަނީ 10 ދުވަހުގެ މުއްދަތު ކޯޓުން ޖަހާދީފަ އެވެ.
ބަންދުގެ މުއްދަތު ޖަހާފައިތިބި މީހުންގެ ތެރޭގައި ހިމެނީ 19 އަންހެނަކާއި 59 ފިރިހެނުންނެވެ. މި މީހުންގެ މުއްދަތު ޖަހާދިނުމަށް ކޯޓަށް ވަޑައިގެން ދައުލަތުގެ ވަކީލް ރޭ ވިދާޅުވެފައިވަނީ އެ މައްސަލައިގަ ހައްޔަރުކުރި 19 އަންހެނުންގެ ތެރެއިން ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަންބަރާ އަށް ފުލުހުން ދިޔައިރު އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ބަރަހަނާކޮށެވެ. އަދި އެރަށުތެރެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ.