އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ ގަލޮޅު ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީކޮށް ނިމުމުން، އެ ދެ ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "ސަން"އަށް ވިދާޅުވީ، މުބާރާތުގެ މެޗްތައް ކުޅުމަށް މިހާރު ތައްޔާރު ކުރަމުން އަންނަ ގަލޮޅު ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ނިމުމުން އެ ދެދަނޑުތައް ރަސްމީކޮށް ހުޅުވުމަށް ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ތަރިން ހިމަނައިގެން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ނިންމާފައި ކަމަށާއި އެކަން ކުރުމަށް ޓަކައި މިނިސްޓުރީގެ ފަރާތުން މިހާރު އަންނަނީ އެފްއޭއެމްގެ އިސްވެރިންނާ އެކު ވާހަކަ ދައްކަމުން ކަމަށެވެ.

"ދެ ދަނޑު ވެސް ހުޅުވުމުގެ ގޮތުން ކުރީގެ ތަރިން ހިމެނޭ ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. އައްޑޫ ސިޓީގައި ވެސް ކުރީގެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ. އައްޑޫ ދަނޑު ހުޅުވާނީ އައްޑޫއިން ހޮވާލެވޭ ކުރީގެ ތަރިންނާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުބާރާތައް ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާއިރު، ދަނޑުގެ ގޮނޑިތައް އާކުރުމުގެ މަސައްކަތް މިހަފްތާ ނޫނީ އަންނަ ހަފްތާތެރޭގައި ފެށުމަށް ބަޔަކާ ހަވާލްކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ޒޯން ސްޓޭޑިއަމްގެ ވީއައިޕީ އޭރިޔާގައި ޖަހާ ގޮނޑިތަކަކީ ކޮންވެންޝަން ސެންޓަރު ގައި ބޭނުން ކުރި ގޮނޑިތައް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.