އަންނަ މަހު މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ކައުންޓްޑައުން ރޭ ރަސްމީކޮށް މާލޭގައި ފަށާފައިވާ އިރު ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫ ސިޓީގައި ވެސް ކައުންޓްޑައުންގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓރީން ބުނެފި އެވެ.

ޗެލެންޖް ކަޕްގެ ކައުންޓްޑައުންގެ ހަރަކާތްތައް އިއްޔެ ހަވީރު ފެށުމުގެ ގޮތުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ސައިކަލް ބުރާއި ކާރު ބުރު ނިންމާލުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މިމުބާރާތަކީ ހަމައެކަނި މާލޭގައި ބާއްވާ މުބާރާތެއް ނޫން ކަމަށާއި މުބާރާތުގެ ބައެއް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކަމަށްވާތީވެ، މުބާރާތުގެ ކައުންޓްޑައުންގެ ހަރަކާތަކެއް އައްޑޫ ސިޓީގައި ވެސް ބޭއްވުމަށް ޓަކައި މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

"އައްޑޫގައި ވެސް މުބާރާތުގެ ކައުންޑައުންގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައި. އެގޮތުން ސައިކަލް ބުރަކާއި ކާރު ބުރެއް ވެސް އައްޑޫގައި ބޭއްވުމަށް ވަނީ ނިންމާފައި. އަދި ވަރަށް އަވަހަށް މިނިސްޓްރީގެ ވަފުދެއް އައްޑު އަށް ދާގޮތަށް ވެސް މިހާރުވަނީ ނިންމާފައި." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތުގެ ކައުންޓްޑައުން ރަސްމީކޮށް ފަށާފައި ވަނީ ރޭ ރާޅުގަނޑު ސަރަހައްދުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އިސްނަގައިގެން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ ކުރިއަށް ދިޔައީ، މިއުޒިކް ބޭންޑެއްގެ ހިތްގައިމު މިއުޒިކެކެވެ. މި ހަރަކާތްތަކުގެ އިތުރުން ޗެލެންޖް ކަޕުގެ އޮފިޝަލް ލަވަ ވެސް ރޭ ވަނީ ރިލީޒްކޮށްފަ އެވެ.

ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ފަލަސްތީނާއި ކިރްގިސްތާން އަދި މިޔަންމާ އެވެ. މި ގްރޫޕްގެ މެޗުތައް ކުރިއަށް ދާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. ގްރޫޕް ބީގެ މެޗުތައް ކުރިއަށް ދާނީ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ. މި ގްރޫޕްގައި ހިމެނެނީ ތުރުކުމެނިސްތާނާއި ފިލިޕީންސް އާއި އަފްގާނިސްތާނު އަދި ލާއޮސް އެވެ.