އަންނަ މަހުގެ އަށް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ބައިވެރިވާ ބައެއް އޮފީސްތަކުގެ ޕްރެކްޓިސްތައް ފަށައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކެރަމް އެސޯސިއޭޝަނުން މިހާރުވެސް ހުޅުވާލާފައިވާއިރު، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުންތައް ފަށާފައިވާ އޮފީސްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އާއި އޮޑިޓާ ޖެނެރަލް އޮފީހާއި އިސްލާމިކް ބޭންކާއި އެމްއެންޑީއެފް އާއި ޕީޖީ އާއި އެމްޓީސީސީ އަދި އެޗްޑީސީ އެވެ.

ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުޅޭ މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކެރަމް އެސޯސިއޭޝަނުން މިހާރު ވެސް ދަނީ ދޫކުރަމުންނެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ސަން އަށް މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ މުބާރާތަށް ވުރެ މިއަހަރުގެ މުބާރާތުގެ ވަދަވެރިކަން ބޮޑު ކަމަށާއި އެހެން ކަމުން މުބާރާތުގައި ބައިވެރިވާ އޮފީސްތަކުގެ އަދަދު މިފަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރި ވެފައި ވަނީ 15 އޮފީހަކުން ކަމަށް މުބީން ވިދާޅުވި އެވެ.

އޮފިސް/ކުންފުނިތަކުގެ މެދުގައި އަހަރަކަށް ވުރެ އަހަރެއް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވަމުން އަންނަ މިމުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓީމް އިވެންޓު، އޯޕަން ސިންގަލްސް އިވެންޓު، ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފް އެވެ. އަދި އަންހެން ޓީމް ޗެމްޕިއަންކަން ހޯދާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްބީސީގެ އަބުދުﷲ ލަބީދެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އައިމިނަތު ހަލީމް (ދިލް) އެވެ. އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްބީސީގެ އިސްމާއީލް އަޒުމީން އެެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްއެންޑީއެފްގެ އިސްމާއީލް ސަލީމާއި އަހުމަދު ފާއިޒުގެ ޕެއަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތު ހަލީމް އަދި މަރިޔަމް ހުދުނާގެ ޕެއާ އެވެ.